ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ޒުވާނެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ސައިކަލް ދުއްވި ޒުވާނާ އަތުގައި ލައިސަންސެއް ނޯވެ އެވެ.
މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށްޓަކައި ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާގެ ބޭފުޅުންނާއި ބައެއް ރަށްޓެހިން ގެންދަނީ ކުރަމުންނެވެ.
އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.