ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކަންކުރާނެ ވަކި ގޮތެއް ނުނިންމަވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ނަތީޖާއަށް ފަހު ފުރަތަމަ ފަހަރަށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އިލްޔާސް ވިދާޅުވީ ދެވަނަ ބުރުގައި ކަންކުރާނެ ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށެވެ. އަދި އޭނާއަށް އިންތިހާބުގެ ތިންވަނަ ލިބިވަޑައިގެންފިނަމަ ދަ ޑިމޮކްރެޓްސް އިން ކަންކުރަނެ ގޮތަކާ މެދު ރައްޔިތުން ވަރަށް ގިނަ ސުވާލު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ރައްޔިތުން އެ ސުވާލު ކުރުމުން ރައްޔިތުން ބޭނުންވާ ގޮތް އެއްސެވި ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް އޭނާ ކަންކުރައްވާނެ ކަމަށެވެެ.
"ދެވަނަ ބުރުގައި ކަން ކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ މެންބަރުންނާވެސް މަޝްވަރާ ކޮށްގެން. ނަމަވެސް އަދި ވަކި ޕާޓީ އަކާއި ވާހަކަ ދެކެވިފައެއް ނެތް،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އަމަލުކުރާނެ ގޮތަކާ މެދު ޕާޓީގެ މެންބަރުން މެދުގައި މިވަގުތުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ނަމަވެސް އެހެން ސިޔާސީ ޕާޓީއަކާ އެކު މިވަގުތު އަދި މަޝްވަރާއެއް ނުހިނގާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކުރީ މޮޅުވާނެ ކަމަށް ބަލައިެން ނޫން ކަމަށާއި އަދި ލިބުނީވެސް ހޯދަން އުޅުނު ނަތީޖާ ނޫން ކަމަށެވެ. އެކަމަކު ދިވެހި ރައްޔިތުން ޑިމޮކްރެޓްސް އާއި އެ ޕާޓީގެ މެނިފެސްޓޯ ބަލައިގެންފި ކަމަށާއި، އަބަދުވެސް ކަންކުރީވެސް، އަދި ކަންކުރާނީ ވެސް ރައްޔިތުންނަށާއި، އެ ޕާޓީގެ މެންބަރުންނަށް ފައިދާވާ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ޕާޓީގެ މެންބަރުން އައީ ހުރިހާ 'ސިނާރިއޯ' އެއް ވެސް ޖަހަމުން. އާދެވިފައިވާ ހިސާބާ މެދުވެސް ހިތްހަމަޖެހޭ. މި އަހަރު ވޯޓްލުމަށް ނިކުމެފައިވާ ރައްޔިތުންގެ އަދަދު މަދު. ސަބަބަކީ ރައްޔިތުުންނަށް މިހާރު ސިޔާސީ ފަރާތްތަކަށް އިތުބާރު ނުކުރެވޭތީ،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ ބައިބައި ކުރުމުގެ އެއްވެެސް ވިސްނުމެއް އޭނާގެ ނެތް ކަމަށާއި ރިޔާސީ އިންތިހާބުގައި ބައިވެރިވީ ވަކި އެމްޑީޕީ އަށް ވޯޓު މަދުކުރަން ނޫން ކަމަށެވެ. އިއްޔެ ނިމިގެން އެ ދިޔައީ ދިވެހި ރައްޔިތުންގެ ނިންމުން ކަމަށާއި މަންޒަރު ވަރަށް ސާފު ކަމުގައިވެސް ވިދާޅުވި އެވެ.