ޑރ. މުހައްމަދު މުއިއްޒު

ގައުމުގެ މިނިވަންކަން ކުޅޭކުޅޭ އެއްޗަކަށް ނުހެދޭނެ: މުއިއްޒު

ގައުމުގެ މިނިވަންކަމާއި ސިޔާދަތަކީ ކުޅޭކުޅޭ އެއްޗަކަށް ނުހެދޭނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި ގައުމުގެ މިނިވަންކަމާ ކުޅުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މާފަންނު ހުޅަނގު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރު ގައުމުގެ ސިިފައިން ތިބި، ތިބުން ފޮރުވަން އުޅުނު ކަމުގައިވީ ނަމަވެސް އެކަން ދަނީ އިތުރަށް ސާބިތުވަމުން ކަމަށެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރަނގަޅު ހާރިޖީ ސިޔާސަތެއްގެ ތެރެއިން ރާއްޖެ މިނިވަންކަން މަތީ ތާއަބަދަށް ދެމެހެއްޓުމަށް ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބޭތާ ފުރަތަމަ އަހަރުގެ ތެރޭގައި މާލެ ސަރަހައްދުން ހިއްކަންޖެހޭ ހުރިހާ ބިމެއް ހިއްކާނެ ކަމަށެވެ.

"މި ސަރުކާރުން ދައުރު ނިމޭތީ އަވަސް އަރުވާލާފައި ރައްޔިތުންނަށް ބެހި ގޯތިތައް ވެސް އަޅުގަނޑު ކަށަވަރު ކޮށްދޭނަން. ރާއްޖޭގެ ކޮންމެ ރައްޔިތަކީ ގެދޮރު ވެރިއަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކޮންމެ ރައްޔިތަކީ ފުދުންތެރި ރައްޔިތަކަށްވެސް ހަދައިދޭނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ގިނަ ޕްލޭންތައް މި ސަރުކާރުން ކުރި ކަންކަމުގެ ގޮތުގައި ނިންމައިފި ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

"މިސަރުކާރާ ހިލާފަށް އަޅުގަނޑު ދައްކާނީ ކުރެވޭ ވަރުގެ ކަންތައްތަކުގެ ވާހަކަ. ނުކުރެވޭ ވަރުގެ ކަންތައްތަކުގެ ވާހަކަ ނުދައްކާނަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ސަރުކާރުން އެއްބާރުލުން ނުދޭތީ އެކަމަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ މާލޭގެ 100 އަށް ވުރެ ގިނަ މަގު ހެދުމަށް ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް އޮތް ނަމަވެސް އެ އެއްބަސްވުން މި ސަރުކާރުން އުވާލީ ކަމަށެވެ. ވެރިކަމުގެ ދައުރު ނިމޭއިރުވެސް އަމީނީ މަގު ނުނިމުނު ކަމަށް ވިދާޅުވެ ސަރުކާރަށް މަލާމާތުގެ ބަހެއްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މާލޭގެ ހުރިހާ މަގެއް ތަރައްގީކުރާނެ ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މަގުތައްވެސް އެ އުސޫލުން ތަރައްގީކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ތެދުވެރިކަމާއި، އިހްލާސްތެރިކަމާ އެކު އަޅާލައި ސަރުކާރެއް ފެނިގެންދާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.