ރައީސް އޮފީސް

ޑެޕިއުޓީ މިނިސްޓަރު ޒާމިރު އިސްތިއުފާ ދެއްވައިފި

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ސަރުކާރުގައި ޒާމިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ގައެވެ.

ޒާމިރުގެ ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އިސްތިއުފާގެ ސިޓީއާ އެކު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޒާމިރު ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށެވެ.

"މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު. [އެހެންވެ] އަޅުގަނޑު މަގާމުން އިސްތިއުފާ ދީފިން،" ޒާމިރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވާދަކުރެއްވި އެވެ. ގާސިމަށް މި އިންތިހާބުގައި ލިބިވަޑައިގަތީ 5،524 ވޯޓެވެ. އެއީ 2.5 އިންސައްތަ ވޯޓެވެ.

ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކު އަނި ނިންމާފައެއް ނުވެ އެވެ. ނަމަވެސް އިސްލާހީ މަސައްކަތުގައި ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.