މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އަންނަ ހަފްތާގައި ނެރެނީ

ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އަންނަ ހަފްތާގައި ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ނެރުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަންނަ ހަފްތާ އެ ލިސްޓް ނެރެވޭތޯ،" އަކްރަމް ވިދާޅުވި އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ ގޯތިތައްވެސް ބިން ހަމަޖެހޭ ވަރަކުން ގޯތި ކަނޑާ ހަވާލުކުރަމުންދާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ. ގިރާވަރު ފަޅު އަދި ހިއްކާ ނުނިމޭ ކަމަށާއި ނަމަވެސް ބޮޑު ބައެއް މިހާރު ހިއްކާފައިވާ ކަމަށާއި އެތަނުންވެސް ބިން ލިބޭ ވަރަކުން ގޯތި ކަނޑާ ހަވާލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތްވެސް ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ފަށާފަ އެވެ.

ފްލެޓަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ފްލެޓް ދިނުމަށް މިހާރު ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ފްލެޓް ދިނުމަށް އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަނީ 18 ބުރީގެ 32 ޓަވަރެވެ.