ދުނިޔެ

ފަރަންސޭސިން ހަދަނީ ދޮގެއް، އައިފޯނަކީ ރައްކާތެރި އާލާތެއް: އެޕަލް

އައިފޯން 12 ފަރަންސޭސިވިލާތުގައި މާކެޓްކުރުމާއި ވިއްކުން މިހާރު އޮތީ ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. އެއީ ޑިޖިޓަލް ޓްރާންސިޝަން އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ބުނާ ގޮތުން ޔޫރަޕްގައި ބޭނުންކުރާ ވަރަށް ވުރެ ގިނައިން އައިފޯން 12 ރޭޑިއޭޝަން ބޭރުކުރާތީ އެވެ.

ފަރަންސޭސިންގެ މި ތުހުމަތަށް ރައްދުދީ އެޕަލުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެޕަލުން ބުނާ ގޮތުން 2020 ގައި އެ ކުންފުނިން ނެރުނު އައިފޯން 12 އަކީ ބައިނަލްއަގްވާމި އުސޫލުތަކަށް ތަބާކޮށްފައި އޮތް ފޯނެކެވެ.

ޔޫރަޕިއަން ޔޫނިއަން އަދި މިފަދައި ދުނިޔޭގެ ކަންކޮޅުތަކުގައި ހެދިފައި ހުރި ހުރާ ގަވާއިދަކަށް އައިފޯން ތަބާވާނެ ކަމަށް ވެސް އެޕަލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، ފްރާސްގެ ޑިޖިޓަލް މިނިސްޓްރީން ބުނާ ގޮތުން އެ މީހުން ހޯދި ހޯދުމުން އައިފޯން 12އާ މެދު ވަނީ ޝައްކެއް ނޫނެވެ. އައިފޯން 12އިން އެކަށީގެން ނުވާ މިންވަރަށް ރޭޑިއޭޝަން ބޭރުުރާ ކަމަށް ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

ފަރަންސޭސިވިލާތުގެ ފްރިކްއެންސީ އޭޖެންސީން ވެސް ވަނީ ޑިޖިޓަލް މިނިސްޓަރީގެ ބުނުމަށް ބާރުދީފަ އެވެ.

ފްރިކްއޭންސީ އޭޖެންސީން ބުނާ ގޮތުން އެ އިދާރާއިން ކުރި ތަހުލީލުތަކުން ވެސް ދައްކަނީ އައިފޯން 12އިން ރޭޑިއޭޝަން ބޭރުކުރުން އިތުރު ކަމެވެ.

އިންސާނުން ހިފައި ގެންގުޅޭ އިލެކްޓްރޯނިކްސް އާލާތްތަކުން ބޭކުރުން ހުއްދަކުރަނީ ވަކި މިންވަރެއްގެ ރޭޑިއޭޝަނެކެވެ. ރޭޝިއޭޝަން މާ ބޮޑަށް އިތުރުވުން ގައިގައި ޖެހޭ ތަން ހިރުވައި ހަމުގައި ބިހި ނެގުން ފަދަ އެލާޖީ ހިމެނެ އެވެ.

ބައެއް މީހުންގެ ގައިގެ ހަން ރަތްވެ، ދޭތެރެ ދޭތެރެއިން ތެޅިގަންނަ ގޮތް ވާ ކަމަށް ވެސް ފްރިކްއޭންސީ އިދާރާއިން ބުނެ އެވެ.

އެޕަލުން ބުނާ ގޮތުން އެޕަލްގެ އިންޖިނޭރުންގެ ހޯދުންތަކުން އައިފޯން 12އިން ރޭޑިއޭޝަން ބޭރުކުރާ ކަމަށް ނުދައްކަ އެވެ. އެޕަލުން ފޯނުތައް ޓެސްޓްކުރަން ބޭނުންކުރަނީ އެންމެ ޒަމާނީ އާލާތްތައް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް، ފަރަންސޭސިން ބޭނުންކުރަނީ އެޕަލްއާ ތަފާތު މިންގަނޑެއްކަން ވަނީ އެނގިފަ އެވެ.

ފަރަންސޭސިވިލާތުގައި އައިފޯން 12 މަނާކޮށްފި ނަމަ އެޕަލްއަށް އޮތް ބިރަކީ ޔޫރަޕްގެ ހުރިހާ ގައުމަކުން ފަރަންސޭސިންގެ ނިންމުމަށް ތަބާވެ އައިފޯން 12 އެ ގައުމުތަކުގައި ވިއްކުން މަނާކުރުމެވެ.

އެޕަލްގެ ބަޔާނުގައި ބުނެފައިވާ ގޮތުން ފަރަންސޭސިވިލާތަށް ކަމުދާ ވަރަށް ޓެސްޓްތައް ހަދައި އައިފޯން 12 އިން ރޭޑިއޭޝަން ބޭރުކުރާ މިންވަރު ބަޔާންކޮށްދޭނެ އެވެ.