އަލީ އާޒިމް

ޑިމޮކްރެޓުންގެ ޕީޖީ ލީޑަރަކަށް އަލީ އާޒިމް

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިންތިހާބުކޮށްފި އެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގައި 12 މެންބަރުން ތިއްބަވަ އެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ތިން މެންބަރުންނެވެ. އެއީ އާޒިމްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް މިއަދު ވަނީ އިންތިހާބު ބާއްވާފަ އެވެ. މަގާމުތަކަށް ބޭފުޅުން ހޮވީ ވޯޓުގައި ބައިވެރިވި 11 މެންބަރުންގެ އިއްތިފާގުންނެވެ.

މިއިންތިހާބުގައި ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރަކަށް އިންތިހާބު ކޮށްފައިވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.

ޕާލިމެންޓްރީ ގުރޫޕްގެ އަމީންއާންމުގެ މަގާމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހޮވާފައިވާއިރު ވިޕްގެ ގޮތުގައި ހޮވާފައިވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ.

އެމްޑީޕީން ވަކިވި ބޭފުޅުންކޮޅެއް އިސްކޮށް ތިއްބަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް އިން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފަ އެވެ. އެގޮތުން އިންތިހާބުގައި ވާދަކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގެން ތިންވަނަ ހޯއްދެވި އެވެ.