ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދީފައި ޔޫރަޕިއަން ޔޫނިއަންގައި ހިމެނި ނަމަވެސް ސަރަހައްދީ މަސްލަހަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ ވިދާޅުވެއްޖެ އެވެ.
ސަކޯޒީ ވިދާޅުވި ގޮތުއި ޔުކްރޭނުން ތިލަފަތް ހަމަ ސިޔާސަތަކަށް އަމަލުކޮށްގެން ނޫން ގޮތަަށް އެ ގައުމު ދެން ސަލާމަތެއް ނުވާނެ އެވެ.
ޔުކްރޭން ގެންގުޅެން އެންމެ ރަނގަޅީ ހުޅަނގަށް ބުރަނުވާ އަދި ރަޝިއާއަށް ވެސް ބުރަނުވާ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމުން ހުރިހާ ކަމެއް ހައްލުވީ ކަމަށް ދެކުމަކީ ސޭކު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަކޯޒީ ވިދާޅުވީ ޔުކްރޭނަށް އޮތް ދެމެހެއްޓެނިވި ސުލްހަ އަކީ ރަޝިއާއާ ގާތާށް ޖެހިލުން ކަމަށެވެ. އޭގެ މާނަ އަކީ ހުޅަނގާ މުއާމަލާތްކުރުން ޔުކްރޭނަށް މުޅިން މަނާވުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ލިބެން އޮތީ ޔޫރަޕްގެ ހުރިހާ ގައުމަކުން ތާއީދުކުރާ ނަމަ އެވެ. ލިތުއޭނިއާގައި ޖުލައި މަހު އޮތް ނޭޓޯ ސަމިޓްގައި ވެސް ވަނީ ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަށް ކުރުމަގެއް ނެތް ކަމަށް ބަޔާންކޮށްފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން ދެކޭ ގޮތުގައި ޔުކްރޭން މިހާރު އެ އޮތީ ނޭޓޯ މެމްބަރުކަން ދޭން އެންމެ ރަނގަޅު ހާލަތުގައެއް ނޫނެވެ.
ހަނގުރާމައިގަ ހާލަތުގައި އޮއްވައި މެމްބަރުކަން ދީފި ނަމަ ރަޝިއާގެ އުދުވާން ވަކިން ބޮޑުވާނެ ކަމަށްވެސް މެމްބަރު ގައުމުތަކުން ވަނީ ބުނެފަ އެވެ.
ޔުކްރޭން މިހާރު އޮތް ހާލަތަކީ ނޭޓޯ މެމްބަރުކަން ދިނުމަށް ޝަރުތު ހަމަނުވާ ހާލަތެއް ކަމަށް ބަލަން ޖެހޭ ކަމަށްވެސް މެމްބަރު ގައުމުތަކުން ބުނެ އެވެ.
ސަކޯޒީ ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމަކޮށްގެން ޔުކްރޭން ކުރިއެއް ނާރާނެ އެވެ. ވަގުތު ނަގާލުމުގެ ބަދަލުގައި އޮތް އެންމެ ބުއްދިވެރި ގޮތަކީ ރަޝިއާއާ އެކު މަޝްވަރާ ފެށުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ ފަހަތަށް ޖައްސާލައި ހަނގުރާމަ ކާމިޔާބުކުރުމުގެ ގާބިލުކަން ޔުކްރޭނަށް ލިބިފައި ނުވާ ކަމަށްވެސް ސަކޯޒީ ވިދާޅުވި އެވެ.