އޮލީވިއާ ރޮޑްރިގޯގެ ފޭނުންނަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ. އޮލީވިއާގެ "ގަޓްސް" ޓުއާ މިހާރު މިވަނީ އިއުލާންކޮށްފި އެވެ.
އެގޮތުން ގަޓްސް ޓުއާ ބޭއްވުމަށް މިހާރު އިއުލާންކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުވަރީ 23 އިން އަންނަ އަހަރުގެ އޮގަސްޓް 14 އަށެވެ.
މި ޓުއާ އެނައުންސް ކުރުމުން ވަރަށް އެކްސައިޓްވާ ކަމަށް ބުނަމުން، އޮލީވިއާގެ ސައިޓްގައި ޓިކެޓް ގަތުމަށް ރަޖިސްޓާ ވުމަށް އެދިފައިވެ އެވެ. މީގެ އިތުރުން އަދިވެސް ތާރީހުތައް އެނައުންސް ކުރާނެ ކަމަށްވެސް ބުންޏެވެ.

ލައިވް ނޭޝަން އިން ޕްރޮޑިއުސްކުރާ މި ޓުއާގައި ޝޯތައް އޮންނާނީ އެމެރިކާގެ ސިޓީތަކުގައި އާއި ޔޫރަޕްގެ ބައެއް ބޮޑެތި ސިޓީތަކުގައެވެ.
ސެޕްޓެމްބަރު 17 އާ ހަމައަށް ރަޖިސްޓާވާ ފަރާތްތަކަށް ލިބޭ ކޯޑެއް ބޭނުންކޮށްގެން، ސެޕްޓެމްބަރު 20 ގައި ޓިކެޓްމާސްޓާއިން ޕްރީ-ސޭލް ޓިކެޓްސް ގަންނަން ލިބޭނެ އެވެ.
އަންގާރަ ދުވަހު ބޭއްވި އެމްޓީވީ މިއުޒިކް ވީޑިއޯ އެވޯޑްގައި އޮލީވިއާ ޕާފޯމްކުރުމުގެ އިތުރުން "ވެމްޕަޔާ" ލަވައަށް "ބެސްޓް އެޑިޓިން" އެވޯޑްވެސް ލިބިފައިވެ އެވެ.
އުމުރުން 20 އަހަރުގެ އޮލީވިއާ އަކީ ތިން ގްރެމީ އެވޯޑާއި، ހަ ބިލްބޯޑް މިއުޒިކް އެވޯޑްސް، ދެ އެމްޓީވީ މިއުޒިކް ވީޑިއޯ އެވޯޑްސް އަދި އެތައް އެވޯޑެއް ލިބިފައިވާ ލަވަކިޔުންތެރިއެކެވެ.