ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ބޭފުޅުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިމައުލޫމާތު ފުލުހުންނަށްވެސް ލިބިފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާއާއި އޮންލައިން ނޫހެއްގެ ޝައިއުކޮށްފައިވާ ހަބަރެއް ދޮގުކުރަމުންނެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެތުރެމުންދާ ހަބަރުގައި ބުނާ ފަދަ ގޮތަކަށް ހަމަލާދިނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ހިދުމަތަކަށް ލިބިފައި ނުވާ ކަމަށެވެ.
މިމައުލޫމާތު ސޯޝަލްމީޑިއާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން މިފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމަތެއް ކަމަށް ބުރަވެވޭ ފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ. އަދި ސޯޝަލްމީޑިއާގައި މި މައުލޫމާތު ފެތުރި ފަރާތަށް މިމައުލޫމާތު ލިބުނު ފަރާތެއްގެ ނަމެއް ހިއްސާކުރުމަށް އުޒުރުވެރިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"އެހެންކަމުން މިމައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ހިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވެ އެވެ.،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ވަނީ މި ބާވަތުގެ ދޮގު ހަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭވައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.