ރާއްޖެ ކުޅިވަރު

10000 ވަނަ ގޯލާއެކު މެސީ އަނެއްކާ ވެސް ވިދާލައިފި

Feb 18, 2016

ބާސެލޯނާގެ ތާރީހުގައި އެކުލަބުން ޖެހި 10000 ވަނަ ގޯލު އާޖެންޓީނާގެ ލަޔޮނަލް މެސީ ޖަހައި އަނެއްކާ ވެސް އޭނާ ވިދާލައިފި އެވެ.

ސްޕެނިޝް ލީގުގައި ރޭ ސްޕޯޓިން ގިޖޮން އަތުން 3-1އިން ބާސެލޯނާ މޮޅުވި މެޗުގައި މެސީ ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ މެޗުގައި ޕެނަލްޓީ އެއް މިސްކޮށްލި ލުއިސް ސުއަރޭޒް އެވެ. ނަމަވެސް މި މެޗުގައި އޭނާ ޖެހި ގޯލަކީ މި ސީޒަނުގައި ސުއަރޭޒް ޖެހި 40 ވަނަ ލަނޑެވެ.

މި މެޗުގައި މެސީ ޖެހި ފުރަތަމަ ގޯލަކީ ސްޕެނިޝް ލީގުގައި އޭނާ ޖެހި 300 ވަނަ ލަނޑެވެ. އޭނާ މެޗުގައި ޖެހި ދެ ވަނަ ލަނޑަކީ ބާސެލޯނާގެ ތާރީހުގައި އެކުލަބުން ޖެހި 10000 ވަނަ ލަނޑެވެ.

މި މެޗުން މޮޅުވުމުން ބާސެލޯނާ ވަނީ 24 މެޗުން 60 ޕޮއިންޓް ހަމަކޮށްފަ އެވެ. މިއީ ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑަށްވުރެ ހަ ޕޮއިންޓް އިތުރު އަދަދެކެވެ.