ޑރ. މުހައްމަދު މުއިއްޒު

ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހަދާނަން: މުއިއްޒު

ލޯކަލް ކައުންސިލްތަކަށް ފަސޭހަކޮށްދިނުމަށްޓަކައި ހާއްސަ މިނިސްޓްރީއެއް އުފެއްދެވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ހދ. ފިނޭގައި މިއަދު ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށް ދައުލަތުގެ ބަޖެޓުން މިހާރު ދޭ ގްރާންޓަކީ އެކަށީގެންވާ އަދަދަކަށް ނުވާތީ އޭނާގެ ވެރިކަމެއްގައި ކައުންސިލްތަކަށް އިތުރު ފައިސާ ހަމަޖައްސައިދޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް މިހާރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ބަލައި ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފިނޭ އަކީ ޓޫރިޒަމް ފުޅާކުރެވޭނެ ރަށަކަށްވާތީ އިންވެސްޓަރުން ހޯދައި އެ ވިޔަފާރި ފިނޭގައި ފުޅާކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފެއްޓެވިއިރު މިއަދު އޭނާ ވަނީ ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވާފަ އެވެ.