ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް ރާއްޖެގައި ހުންނަ ޗައިނާ އެމްބަސީ އިން ގޮވާލައިފި އެވެ.
ޗައިނާ އެމްބަސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން ޗައިނާއަށް އަމާޒުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް ދޮގު ހަބަރުތަކެއް ފަތުރަމުންދާ ކަމަށެވެ.
މިފަދަ ހަބަރުތައް ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެކަންކަން ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި މިހާރު އެދިފައިވާ ކަމަށްވެސް ޗައިނާ އެމްބަސީން ވަނީ ބުނެފަ އެވެ.
ޗައިނާ އެމްބަސީން އިތުރަށް ބުނީ އެފަދަ ހަގީގަތެއް ނެތް ހަބަރުތަކުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ވަރުގަދަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށާއި ހީނަރުކަމެއް އަންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހޭނެ ކަމަށާއި ޗައިނާއިން ރާއްޖެއަށް ކޮށްދީފައިވާ ކަންކަމަކީ ރާއްޖޭގެ އިގުތިސާދު އަދި އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް ކޮށްދީފައިވާ ކަންކަން ޗައިނާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޗައިނާ އިން މިފަދަ ބަޔާނެއް ނެރިފައި މިވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އިންޑިއާ އިން ވެސް މިފަދަ ބަޔާނެއް ނެރިފައިވާ ދަނޑިވަޅެއްގަ އެވެ.