ހަބަރު

ރާއްޖެއިން "އޮމްނިއާ"އަށް ފައިސާ ދެއްކީ އަމިއްލަ މީހެއްގެ އެކައުންޓުން؟!

Feb 18, 2016
1
  • ފައިސާ ދެއްކީ އެމްސީމޯލްޑިވްސް ކިޔާ ކުންފުންޏަކުން
  • އޮމްނިއާ އިން ބިލް ކުރީ އެމްއެމްޕީއާރުސީއަށް
  • އޮމްނިއާގެ އެގްރިމަންޓް ވަނީ އުވާލާފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް ހުށަހެޅި މައްސަލައިގައި ވަކާލާތު ކުރުމަށް ސަރުކާރުން ކުއްޔަށް ނެގި އިނގިރޭސިވިލާތުގެ އޮމްނިއާ ސްޓްރެޓެޖީއަށް ދައްކަން ޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް ސަރުކާރުން ދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޓެބްލޮއިޓް ނޫސް، ޑެިއލީ މެއިލް އިން ރޭ އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، އިނގިރޭސި ކުރީގެ ބޮޑު ވަޒީރު، ބްލެއާގެ އަނބިކަބަލުން، ޝެރީ ބްލެއާގެ ކޮންސަލްޓެންސީ ފާމް، އޮމްނިއާ ސްޓްރެޓެޖީ އިން ރާއްޖޭގެ ސަރުކާރާ އެކު ހަ މަސްދުވަހަށް ހެދި ކޮންޓްރެކްޓަށް ދައްކަން ޖެހޭ 420،000 ޕައުންޓް ދައްކާފައި ވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށާއި އެ ކުންފުނިން ބިލްކޮށްފައި ވަނީ ވެސް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް އެޑްރެސްކޮށް އެ ކުންފުންޏަށް ކަމަށެވެ.

ޑެއިލީ މެއިލްއަށް ލިބިފައި ހުރި އިންވޮއިސްތަކާއި ބޭންކް ސްޓޭޓްމަންޓްތަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ އަދި އެ ފައިސާގެ ތެރެއިން 210،000 ޕައުންޑް ދައްކާފައި ވަނީ، ރާއްޖޭގައި ގާމެންޓްސްގެ ވިޔަފާރި ކުރާ އެމްސީ މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި އޮންނަ އެކައުންޓަކުން ކަމަށެވެ.

އެ މުއާމަލާތާ ގުޅޭ ގޮތުން އެމްސީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ރާފިއު އާ ޑެއިލީ މެއިލް އިން ސުވާލު ކުރުމުން ބުނެފައި ވަނީ އެ ފައިސާ އޭނާ ޓްރާންސްފާ ކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއް ބިލިއަން ރުފިޔާ ވަދެފައިވާ އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އައްލާމް ލަތީފް، (މޮހޯ)ގެ އެދުމުގެ މަތިން ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެޗްއެސްބީސީ ލަންޑަންގައި އޮންނަ އޮމްނިއާ ސްޓްރެޓަޖީގެ އެކައުންޓަށް އެ ފައިސާ ޓްރާންސްފާ ކުރީ، އީދު ބަންދަށް ބޭންކްތައް ބަންދުކޮށްފައި ހުރުމުން، އެސްއޯއެފްގެ އެކައުންޓުން ބޭރުގެ ބޭންކަކަށް ފައިސާ ނުފޮނުވިގެން ކަމަށެވެ. އަދި އޮމްނިއާގެ އެކައުންޓަށް ފޮނުވި ފައިސާ އަކީ އެސްއޯއެފް އިން އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށް ވެސް ރާފިއު ވަނީ ބުނެފަ އެވެ.

"މިއި ސިޔާސީ ކަމަކާ ގުޅިގެން ފޮނުވި ޕޭމަންޓެއްކަން އެނގުނީ މާފަހުން. އެއާ އެކު ވަގުތުން މޮހޯ އާ ސުވާލު ކުރިން އަހަރެން ސިޔާސީ ކަމެއްގައި ބައިވެރިވާ މީހެއް ނޫނޭ މިއީ. އެކަހަލަ ކަމެއްގެ ތެރެއަށް ކީއްކުރަންހޭ އަހަރެން ތި ވައްދާލީ. މޮހޯ ބުނީ ފަހުން އެކަމާ ވާހަކަ ދައްކާނިއްޔޭ. ދެން ހަބަރެއް ނުވި،" ރާއްޖޭގައި ސުއްޓާގެ ވިޔަފާރި ވެސް ކުރާ، ރާފިއު ޑެއިލީ މެއިލްގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ޑެއިލީ މެއިލް އިން އޮމްނިއާއާ ސުވާލުކުރުމުން ބުނެފައި ވަނީ، އެ ކުންފުނީގެ ކްލެޔަންޓް ނޫން ފަރާތަކުން ނޫނީ ކްލަޔަންޓްގެ ބަދަލުގައި އެހެން މީހަކު ފައިސާ ދައްކާފައިވާ ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެކަން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކި ފަރާތަކީ ކާކުކަން ރަނގަޅަށް ބެލުމެއް ނެތި އޮމްނިއާ އިން އެފަދަ ޕޭމަންޓެއް ބަލައިގެންފައިވާތީ އެ ޓްރާންސެކްޝަން ހިނގި ގޮތްތައް ބަލައި ކުންފުނިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މިދިޔަ އޮކްޓޯބަރު، ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ހިނގި ކަންތައްތަކެއްގެ ސަބަބުން އޮމްނިއާ އިން އެމްއެމްޕީއާރުސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ނިމުމުގެ ކުރިން މި ކުންފުނިން ވަނީ އެއްބަސްވުން އުވާލާފަ އެވެ،" އޮމްނިއާގެ ބަޔާނުގައިވެ އެވެ.

މި ތުހުމަތަކާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް، އެކަމުގައި އެއްވެސް ފަރާތެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ފޮރިން މިނިސްޓްރީ އިން މީގެ ކުރިން ބުނެފައި ވަނީ އޮމްނިއާ ސްޓްރެޓެޖީ ކޮންސަލްޓެންސީ ހޯދަނީ ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކޮށް ޑިމޮކްރަސީ ވަރުގަދަ ކުރަން ކަމަށެވެ.

ޑެއިލީ މެއިލް އިން ވަނީ އޮމްނިއާ އިން އެފަދަ ބޮޑު ޕޭމަންޓެއް ބަލައިގަތުމުގައި އަމަލުކޮށްފައިވާ ގޮތުން، އެ މައްސަލަ އިނގިރޭސިވިލާތާއި އެމެރިކާގެ ފްރައުޑް ޑިޕާޓްމަންޓުން ބަލައި ތަހުގީގު ކުރާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އެ ޕޭމަންޓް ބަލައިގަތުމުގައި އޮމްނިއާ އިން ހުރިހާ އުސޫލުތަކަކާ ހިލާފުވެފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ. އަދި ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ ފަރާތްތަކެއް ހިމެނޭ ގޮތުން ފައިސާގެ މުއާމަލާތްތަކެއް ކޮށްފައި ވާތީ، އޮމްނިއާ ގެ ނަޒާހަތްތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އެ ނޫހުން ވަނީ އުފައްދައިފަ އެވެ.