އަބްދުއްރަހީމް އަބްދުﷲ

އިންތިހާބު "ވަގަށް" ނެގުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން: އަދުރޭ

ރިޔާސީ އިންތިހާބު "ވަގަށް" ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ތުހުމަތުކުރައްވައިފި އެވެ.

ރިޔާސީ ކެމްޕޭންގައި މިއަދު ހދ. ކުމުންދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ ދެ ދުވަހުގެ ތެރޭގައި 25،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށެވެ.

"ކުރީ ފަހަރު ހަތް ދުވަސް ދިނީމަވެސް 20،000 މީހުން ރީ-ރަޖިސްޓްރީ ނުކުރެވުނު،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ތުހުމަތުކުރެއްވި ގޮތުގައި ހުށަހެޅި ފޯމުތަކުގެ ތެރޭގައި އޮޅުވާލައިގެންވެސް ހުށަހަޅާފައިވާ ފޯމުތައް ހިމެނެ އެވެ.

"މިއީ ގަސްތުގައި އޮޅުވާލައިގެން ނުބައި ނަންނަމުގައި ފޯމުތައް ވައްދައިގެން ކުރަމުންގެންދާ ވަރަށްބޮޑު ވައްކަމެއް، މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންގެ ތެރޭގައިވެސް އެބަ އޮތް،" އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ގުޅުއްވި ކަމަށާއި އެކަމުގެ ކަންބޮޑުވުން ފުއާދުވެސް ފާޅުކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި އިންތިހާބު "ވަގަށް" ނެގުމަށް މަސައްކަތްކުރަމުންދަނީ އިންޑިއާގެ އެހީތެރިކަމާއެކުގަ އެވެ.

"ދެހާސް އަށާރައިގައި އިންޑިއާގެ އެހީތެރިކަމާއެކީގައި 2018ގެ ރިޔާސީ އިންތިހާބު ވަގަށް ނެގި ގޮތަށް މި އިންތިހާބު އިންޑިއާގެ އެހީތެރިކަމާއެކީގައި ވަގަށް ނެގުމުގެ މަސައްކަތް އެދަނީ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 ފޯމު ހުށަހަޅާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ހާމަކުރެއްވީ މިއަދު އެވެ.

ހަބީބު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ދުވަހު 9،206 މީހުން ރީ-ރަޖިސްޓްރީވުމަށް ފޯމު އަދި ދެވަނަ ދުވަހު 16،287 މީހުން ރީ-ރަޖިސްޓްރީކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި އޮންލައިންކޮށް ފުރަތަމަ ދުވަހު ހުށަހެޅި 7،267 ރީ-ރެޖިސްޓްރޭޝަން އަދި ދެވަނަ ދުވަހު އޮންލައިންކޮށް ހުށަހެޅި 11،082 ރީ-ރެޖިސްޓްރޭޝަން ހިމެނެ އެވެ.