ހިއު ޖެކްމަން، 54، އާއި ޑެބްރާ ލީ، 67،ގެ 27 އަހަރުވީ ކައިވެނި ރޫޅިއްޖެ އެވެ.
ޕީޕަލް އަށް ހިއު އަދި ޑެބްރާ ދިން ބަޔާނެއްގައި ބުނެފައިވަނީ ދެމީހުން ދެމަފިރިންގެ ގޮތުގައި ގާތްގަނޑަކަށް 30 އަހަރު ހޭދަކުރީ ވަރަށް ލޯބި އަދި އުފާވެރި ކައިވެންޏެއް ކަމަށާއި މިހާރު ދެމީހުންގެ ވިސްނުން ބަދަލުވެ، ވަކިވާން ނިންމީ ދެމީހުންގެ އަމިއްލަ ނަފްސު ތަރައްގީކުރުމަށް ކަމަށެވެ.
"އަހަރެމެން ދެމީހުންނަށް އަބަދުވެސް އެންމެ މުހިއްމީ އާއިލާ. އަދި ހަޔާތުގެ ދެން އޮތް ބާބު ފަށާނީ ޝުކުރާއި ލޯތްބާއި އޯގާތެރިކަމާއެކު. މިދަނޑިވަޅުގައި އަހަރެމެންގެ އާއިލާގެ ޕްރައިވަސީއަށް އިހްތިރާމު ކުރުމަށް އެދެން،" ބަޔާނުގައިވެ އެވެ.

މިއީ މި ދެމަފިރިންގެ ފަރާތުން މިކަމާ ގުޅިގެން ނެރޭނެ ހަމައެކަނި ބަޔާންކަމުގައިވެސް ބުނެފައިވެ އެވެ.
ދެހާސްވަނަ އަހަރު ނެރުނު "އެކްސް މެން" ފިލްމުން ވުލްވަރިންގެ ރޯލުން ބޮޑަށް މަޝްހޫރުވި ހިއު، ޑެބްރާ ލީ ފާނެސްއާ ދިމާވީ 1995 ގައި އޮސްޓްރޭލިއާގެ ސީރީޒެއް ކަމުގައިވާ "ކޮރެލީ" ކުޅުމުގެ ތެރޭގައެވެ.
އޭރު ޑެބްރާ އަކީ އޮސްޓްރޭލިއާގައި މަޝްހޫރު އެކްޓްރެސްއެއް ނަމަވެސް، ހިއު އަކީ އޭރު އަދި ކެރިއަރު ފަށައިގެން އުޅުނު އެކްޓަރެކެވެ.
މި ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން ބަދަހިވެ، އޭޕްރިލް 11، 1996 ގައި ދެމީހުން ކައިވެނި ކުރި އެވެ. ދެ މިސްކެރިއޭޖަށްފަހު، ހިއު އާއި ޑެބްރާ ވަނީ ދެ ކުދިން އެޑޮޕްޓްކޮށްފަ އެވެ. އެއީ 23 އަހަރުގެ އޮސްކާ އާއި 18 އަހަރުގެ އޭވާ އެވެ.
މަސްދަރު ތަކުން އަދިވެސް ބުނާ ގޮތުގައި ހިއު އާއި ޑެބްރާ އަކީ ވަރަށް ލޯބިން އުޅޭ އަދި ދަރިންނަށް ހެޔޮ މައިންބަފައިންނެވެ.