ހަބަރު

ނާސިރާގެ ފައިސާ އިން އެއްލައްކަ ރުފިޔާ އާކްއަށް ހަދިޔާކޮށްފި

Feb 18, 2016

ނާސިރާ އަބްދުﷲ ގެ މިލްކިއްޔާތުގައި ހުރި ފައިސާ ތެރެއިން 100،000 ރުފިޔާ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ، އާކް އަށް އޭނާގެ އާއިލާގެ ފަރާތުން މިއަދު ހަދިޔާކޮށްފި އެވެ.

އާކް އިން މިއަދު ބުނީ، ނާސިރާގެ އާއިލާގެ ފަރާތުން އެ ޖަމްއިއްޔާއަށް ހަދިޔާކުރި ފައިސާ ހަރަދު ކުރާނީ، ކުޑަކުދިންނަށް އިޖްތިމާއީ ރިވެތި އަދަބުތައް އުނގަންނައިދިނުމާއި ހަނގާކުރުމުން ކުދިން ދުރުހެލި ކުރުމަށް އެ ޖަމްއިއްޔާ އިން ހިންގާ، "ރެސްޕެކްޓް ކެމްޕޭން" އަށް ކަމަށެވެ. މި ކެމްޕޭންގެ އެހެން މަގުސަދުތަކުގެ ތެރޭގައި، ކުޑަކުދިންގެ ގައުގައި ހުންނަ އެކި ތަފާތުތަކަށް އިހުތިރާމްކުރުމާއި އަދަބުވެރިކަމާއި އިންސާފްވެރިކަން ދަސްކޮށްދިނުން ވެސް މި ކެމްޕޭންގެ މަގުސަދުގައި ހިމެނޭ ކަމަށް އާކްއިން ބުންޏެވެ.

"ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްގެ ޙައިސިއްޔަތުން، މުޖްތަމަޢުގެ އެކި ފަރާތްތަކުން އާކްއަށް ހަދިޔާކުރައްވާ ފައިސާއާއި ވެދެއްވާ އެހީއަށް މި ޖަމިއްޔާއިން ނުހަނު ބަރޯސާވަމެވެ. މިހެންވެ، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މަސައްކަތަށް އަލްމަރްހޫމާ ނާސީރާގެ އާއިލާއިން މިވެދެއްވި ދީލަތި އެހީއަށް މިޖަމިއްޔާއިން ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަމެވެ،" އާކްގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް ނާސިރާގެ އާއިލާ އިން ވަނީ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ޓައިނީ ހާޓްސް އޮފް މޯލްޑްވްސްއަށް 121،638 ރުފިޔާ ހަދިޔާކޮށްފަ އެވެ. ނާސިރާ މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި، ސިލޯނު ބޭންކުގެ އެކައުންޓެއްގައި ޖުމްލަ 446،555 ރުފިޔާ 93 ލާރި ހުއްޓެވެ.

އާކް އިން ނާސިރާ ސިފަކޮށްފައި ވަނީ ހަޔާތުގައި އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަމުގައި ވީނަމަވެސް، ނުގުޑާފަދަ ޢަޒުމެއްގައި، ސާބިތުކަމާއެކު މިނިވަން ދިރިއުޅުމެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވި މީހެއްގެ ގޮތުގަ އެވެ.