ރައީސް މުހައްމަދު ނަޝީދު

މަޖިލީހަށް ހާޒިރުނުވެ ރައްޔިތުންގެ ވޯޓެއް ނުލިބޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ވަޑައިނުގެން ރައްޔިތުންގެ ތާއީދު ހޯދޭނެ ކަމަށް ދެކެވަޑައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބައެއް މެންބަރުން އެއްބާރުލުން ނުދެއްވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ ތަޅުމަށް މެންބަރުން ވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ ގޯތިތެރޭގައި ބައެއް މެންބަރުން ތިއްބެވި ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ލަފާ ދިނުމުގެ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި ނުހުރެދާނެ ކަމަށާއި އެހެންނަމަވެސް ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވަޑައިނުގަތުމުން އެ ޕާޓީއަށް ލިބިގެންދާ އާންމު ވޯޓު އިތުރުވެދާނެ ކަމަށް ދެކިވަޑައިނުގަތުމަށް އެދިވަޑައިގެންނެވި އެވެ.

"ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ ތާއީދު، ރައްޔިތުންގެ ލޯބި ލިބިގެން ދާނީ ރައްޔިތުންގެ ވަކާލާތުގައި ބައިވެރިވެ ވަޑައިގަތީމަ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކާ ކުރާ ވެރިކަމުގައި އެ ވެރިކަން ޖަވާބުދާރީކުރުމަށް ގާނޫނު އަސާސީން ލާޒިމުކޮށްފައި އޮތީ މަޖިލީހަށް ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ކުރާ ވަކާލާތު ކުރުމަށްވެސް ލޒިމުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ފާހަގަކުރެއްވި އެވެ.

"އިއްޒަތްތެރި މެމްބަރުން މަޖިލީހަށް ވަޑައިނުގަންނަވާ ރައްޔިތުންގެ ތާއީދު އިންތިހާބުތަކުގައި ހޯއްދަވަން ދަތިވާނެ ކަމަށް އަޅުގަނޑަށް ފެންނަ ވާހަކަ ދެންނެވިން." ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުން ހަމަނުވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެހެންކަމުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މާދަމާ އަނެއްކާވެސް ޖަލްސާ، ހެނދުނު 9:00 ޖަހާއިރު ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ އެޖެންޑާގައި މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި މި މަސައްކަތްތަކުގައި މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.