ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މަސްކްއާ ބައްދަލުކުރައްވައިފި އެވެ.
އުރުދުޣާން އެމެރިކާއަށް ވަޑައިގެން މި އުޅުއްވަނީ އދގެ 78 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށެެވެ.
އީލޮން މަސްކްއާ ބައްދަލުކުރައްވައި، ތުރުކިގައި ޓެސްލާ ފެކްޓަރީއެއް -- ކަރަންޓް ކާރު އުފައްދާ ފެކްޓަރީއެއް ބިނާކުރަން އުރުދުޣާން އެދިވަޑައިގަތެވެ. އަދި އީލޮން މަސްކްގެ ސްޕޭސްއެކްސްގެ އެހީތެރިކަން ތުރުކީގެ ޖައްވީ ޕްރޮގްރާމަށް ދެއްވުމަށް ވެސް އެދިވަޑައިގެންނެވެ.
ތުރުކީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވަމުން އުރުދުޣާން ވިދާޅުވީ އީލޮން މަސްކްގެ އެހީތެރިކަމުގައި ތުރުކީން ޖައްވަށް ފޮނުވި ސެޓެލައިޓްތައް އެކަށީގެންވާ ގޮތަށް މަސައްކަތްކުރާ ކަމަށެވެ. އަދި ސްޕޭސްއެކްސްއާ ގުޅިގެން ތުރުކީގެ ޖައްވީ މަސައްކަތްތައް ކުރިއަރުވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އީލޮން މަސްކް ވެސް އުރުދުޣާންގެ ކިބައިން ދެތިން ކަމަކަށް އެދިވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ސްޓާލިންކް ސެޓެލައިޓްތަކުން ތުރުކީއަށް އިންޓަނެޓް ފޯރުކޮށްދިނުމަށް އިދާރާތަކުން ބޭނުންވާ ލައިސަންސް ފަސޭހަކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ޓެސްލާއިން މިހާރު ވެސް ތުރުކީ ކުންފުނިތަކަށް އޯޑަރުދޭ ކަމަށާއި ތުރުކީ ކުންފުނިތަކުން އުފައްދާ އައިޓަމްތައް ޓެސްލާގައި ބޭނުންކުރާ ކަމަށް ވެސް މަސްކް ވިދާޅުވި އެވ.
ޓެސްލާއިން ދެން އަޅާ ފެކްޓަރީއަށް ތުރުކީ އަކީ ހުރިހާ ގޮތަކުން ވެސް އެކަށީގެންވާ ގައުމެއް ކަމަށް ވެސް މަސްކް ވިދާޅުވި އެވެ. އަދި ފެކްޓަރީ ބިނާކުރުމަށް ޓެސްލާގެ އިންޖިނޭރުން ތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.
ތުރުކީގައި އުފައްދާ ބޭރަކްތަރު ޑްރޯން އަކީ ދުނިޔެއަށް މަޝްހޫރު މަރުކާއެއްކަން ދެނެވަޑައިގަންނަވާ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ. ތުރުކިގެ ޑްރޯންތަކަށް ޑިމާންޑް އޮތް ވަރު ޚަބަރުތަކުން އަޑުއައްސަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އުރުދުޣާންއާ މަސްކް އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ދޭތެރެ ދޭތެރެއިން ފޯނުކުރަައްވައި ހާލުއަހުވާލު ބައްލަވައި އެކުގައި ސައިބައްލަވާ ދެ ބޭފުޅުންނެވެ.
ތުރުކިއަށް ބޭނުންޖެހިގެން ސެޓެލައިޓެއް ޖައްވަށް ފޮނުވަން އެދިވަޑައިގަތުމުން ވެސް މަސްކް ވަނީ އޭނާގެ ސްޕޭސްގެ އިންޖިރޭނުންގެ އެހީތެރިކަމާ އެކު ދެ ސެޓެލައިޓެއް ޖައްވަށް ފޮނުވައިދީފަ އެވެ.