ހަބަރު

މުލިއާގެ ކައިރީ ބޮންގޮއްވަން އުޅުނު ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ

Feb 18, 2016
1

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި މުލިއާގޭ ކައިރީ ގޮއްވާލަން ބާއްވާފައި އޮތް އައިއީޑީގެ މައްސަލާގައި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ޕީޖީ އިން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އިން މިއަދު ބުނީ އެކެއްގެ މައްޗަށް ދައުވާ ކުރަނީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުންނަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ކަމަށް ޕީޖީ އިން ބުންޏެވެ. އެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދު މީގެ ކުރިން ވަނީ ފަސް ފަހަރެއްގެ މަތިން އިތުރު ވެސް ކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ދެވަނަ ދުވަހުގައި މުލިޔާގޭ ކައިރިން ފެނުން އައިއީޑީއާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު އޭރު ވިދާޅުވެފައިވަނީ އެ ބޮން ގޮއްވައިލެވުނު ނަމަ 60 ފޫޓުގެ ބޮޑު އަލިފާން ގަނޑެއް އުފެދި އެތައް ބައެއްގެ ފުރާނެ ގެއްލުން އެކަށީގެންވާ ކަމަށެވެ. އަދި އެހަމަލާއަކީ ސީދާ ރައީސް އަވަހާރަކޮށްލަން ދޭން ރޭވި ހަމަލާއެއް ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 11 ގައެވެ.