ދުނިޔެ

ރަޝިއާގެ ދިފާއީ ވަޒީރު މިއަދު އީރާނަށް

ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރު މިއަދު އީރާނަށް ވަޑައިގަންނަވާނެ އެވެ. މިއީ ކުރިއާލައި މީޑިއާތަކަށް އެންގެވުމެއް ނެތި ޝޮއިގޫރު ކުރައްވާ ދަތުރެކެވެ.

ޝޮއިގޫރުގެ މި ދަތުރުގައި އީރާން އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ އެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށް އީރާންގެ ތަސްނީމް ނޫސް އޭޖެންސީ ވަނީ ބުނެފަ އެވެ.

އީރާންއާ އެކު ރަޝިއާ ބަދަހިކުރަމުން ގެންދާ އަސްކަރީ ގުޅުންތަކަކީ ހުޅަނގަށް ވަރަށް ބޮޑު ކަންބޮޑުވުމެވެ. މި ދެ ގައުމުގެ ގުޅުމާ މެދު ކަންބޮޑުވާ ކަމަށް އެމެރިކާވެސް ވަނީ އެތައް ފަހަރަކު ބަޔާންކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގައި މިހާރު އެންމެ ބާރަށް ކުރިއަށް ގެންދާ އަސްކަރީ ޕްރޮގްރާމަކީ ރަޝިއާގެ އެހީގައި ފައިޓަރު ޖެޓް އުފެއްދުމެވެ.

ރަޝިއާ ސަޕްލައިކުރާ ޓެކްނޮޖީ ބޭނުންކޮށްގެން އީރާން މަސައްކަތްކުރަނީ އެ ގައުމަށް ޚާއްސަ ފައިޓަރު ޖެޓް މަރުކާއެއް އުފެއްދުމަށެވެ.

އަނެއްކޮޅުން ޔުކްރޭން ހަނގުރާމާގައި ބޭނުންކުރުމަށް އީރާންގައި އުފައްދާ ޑްރޯން އާއި ވަޒަން ރަޝިއާއަށް ސަޕްލައިކުރާ ކަމަށް އޮތް ޝައްކަކީ ވެސް، ހުޅަނގުން ބުނާ ގޮތުން ޝައްކަކަށް ވުރެ ބޮޑު އަސްލެކެވެ.

ޔުކްރޭން މަތިން ވައްޓާލެވޭ ޑްރޯންތައް ނިސްބަތް ވަނީ އީރާނަށް ކަމަށް -- ޔުކްރޭންގެ ރައީސް ޒެލެންސްކީ ވެސް އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާގައި އުފައްދާ އަސްކަރީ ޖެޓްތައް އީރާނަށް ފޯރުކޮށްދިނުމަކީ ވެސް ރަޝިއާއާ މަޝްވަރާކުރެވޭ ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ. ރަޝިއާ ޕައިލެޓުން އީރާންގައި އަސްކަރީ ޕައިލެޓުން ތަމްރީންކުރާ ވާހަކަ އަކީ ވެސް ހޫނު މައުލޫއެކެވެ.

ކަން މިހެން އޮތް ނަމަވެސް، ރަޝިއާ އަދި އީރާނުން ވެސް ހުޅަނގުގެ މި ޝައްކުތަކަށް އަޅައެއް ނުލަ އެވެ އަދި ޖަވާބެއް ދިނުމަކީ މުހިންމު ކަމެއް ކަމަކަށް ވެސް ނުހަދަ އެވެ.