ޑރ. މުހައްމަދު މުއިއްޒު

ބޭރުގެ ސިފައިން ބޭލުމަށް ގިނަ ވޯޓު ހޯދައިދިނުން މުހިއްމު: މުއިއްޒު

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ވީހާވެސް ގިނަ ރައްޔިތުން އޭނާއަށް ވޯޓުދީ ވެރިކަމަށް އިންތިހާބުކޮށްދެއްވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ލަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުން އެނގިގެންދާ ކަމަށެވެ. އެހެންވެ އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރާނެ ކަމަކީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި މިތަނުގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަކީ އެކަމުގައި މަޝްވަރާކޮށް ބަހުސް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި މިނިވަންކަމަށް ހުރަސްއެޅޭ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖޭގެ މިނިވަންކަން ޔަގީންކޮށްދޭނީ ޑިޕްލޮމަސީގެ ރީތި އުސޫލުން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް އެންމެ ބޮޑަށް ފަސޭހަވެގެން ދާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާއަށް ވީހާވެސް ގިނަ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ. އެހެންވެ އޭނާއަށް ދެވަނަ ބުރުގައި ލިބޭ ވޯޓު އިތުރުކުރަން ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރާއްޖޭގައި އަސްކަރީ ބޭނުމެއްގައި ސިފައިން ނެތް ކަމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.