ހަބަރު

މަނިޔަފުށި ކައިރިއަށް ބޯޓެއް އަޑިއަށް ދަނީ

Jan 25, 2015

ފުވައްމުލަކުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ބޯޓެއް ކ. މަނިޔަފުށި ކައިރިއަށް ފަރަށް އެރުމާ ގުޅިގެން އަޑިއަށް ދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ "ވީނަސް" ނަމަކަށް ކިޔާ އެ ބޯޓު މަނިޔަފުށި ކައިރިއަށް ފަރަށް އެރުމާ ގުޅިގެން އެ ބޯޓަށް ގެއްލުންތަކެއް ވެ، އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ބޯޓަށް އެހީވުމަށް ކޯސްޓްގާޑްގެ އުޅަނދެއް އެ ސަރަހައްދުގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއުގެ ލޯންޗެއް ވެސް މިހާރު އެ ސަރަހައްދަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.