ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހުގެ ލިޔުންތައް ކޯޓުތަކަށް އޮންލައިންކޮށް ފޮނުވަން ފަށައިފި

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔުންތައް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި އޮންލައިންކޮށް ލިޔުންތައް ފޮނުވަން ފަށައިފި އެވެ.

ޕީޖީ އޮފީހުން ދާދިފަހުން ތައާރަފްކުރި އޮންލައިން ގަވަރުމަންޓް ސާވިސް ޕްލެޓްފޯމުގެ ތެރެއިން، އެންމެ ފުރަތަމަ އޮންލައިންކޮށް ލިޔުންތައް ފޮނުވަން ފެށީ ޑްރަގް ކޯޓަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޑްރަގް ކޯޓުން ވެސް އެ އޮފީހަށް ފޮނުވާ ހުރިހާ ލިޔުމެއް، މިހާރު ފޮނުވަމުން ގެންދަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މިގޮތަށް ލިޔުންތައް ފޮނުވުމަކީ ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއް ކަމަށްވެސް ބުނެ އެވެ. މިބަދަލާއެކު، ލިޔެކިޔުން ބަދަލުކުރުން ވަނީ ކުރިއަށްވުރެ މާބޮޑަށް އަވަސްވެ ހަރަދު ކުޑަވެފައި ކަމަށްވެސް ބުންޏެވެ.

"ކަރުދާހަށް ޕްރިންޓްކުރަން ނުޖެހޭތީ މިއީ ތިމާވެއްޓާވެސް ރަހްމަތްތެރި ގޮތެކެވެ،" ޕީޖީ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ މިހިދުމަތަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެކެއް ކަމަށެވެ. އެކަމަށް ބޭނުންވާ ލޮގިން މިހާރު ކޯޓުތަކަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ.