ރައީސް އަބްދުﷲ ޔާމީން

"ޔާމީން މައްސަލައިގެ ލިޔުންތައް ޑްރަގު ކޯޓުގެ ފަނޑިޔާރަކަށް ނުދެން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅޭ މުހިއްމު ލިޔުންތަކެއް ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް ލިބިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދޮގުކޮށްފި އެވެ.

ވ. އާރަށު މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާގެ ލިޔުންތަކެއް ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއް، ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް ގޫގުލް ޑްރައިވް މެދުވެރިކޮށް ހިއްސާކޮށްފައިވާ ކަމަށް ޔާމީންގެ ޓީމުން ވަނީ ތުހުމަތުކޮށްފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު އަވަސް އަށް ވިދާޅުވީ ޕީޖީ އޮފީހުގެ ފަރާތުން އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. މައްސަލައިގެ ލިޔެކިޔުންތައް ކޯޓުގެ އިތުރުން ދައުވާ ލިބޭ ފަރާތުގައިވެސް ހުންނާނެ ކަމަށާއި ރައީސް ޔާމީންގެ މައްސަލައިގައި ސިއްރު ހެކިން ނުހިމެނޭކަން ޝަފީއު ފާހަގަކުރެއްވި އެވެ.

ޕީޖީ އޮފީހުގެ ވަކީލަކަށް ތުހުމަތެއް ކުރެވިފައި މިވަނީ ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އިއްވާފައި ވަނިކޮށެވެ. މިމައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

އާރަށު މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ.

މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީޣާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގައި ޔާމީންއާއި ދެކޮޅަށް ހެކިބަސްދޭ ހަސްމުންނަށް ދައުވާނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދޭ ކަމަށްވެސް ޔާމީންގެ ވަކީލުން ކުރިން ތުހުމަތުކޮށްފައިވެ އެވެ.