ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖޭޕީއާއި ޑިމޮކްރެޓުންގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ: ރައީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ ބައެއްގެ ތާއީދު ލިބޭނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓުންނާއި ޖޭޕީ އަކީ މިމަހުގެ އަށްވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކެންޑިޑޭޓުން ނެރެގެން ވާދަކުރި ދެ ޕާޓީ އެވެ. ނަމަވެސް މި ދެ ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފަ އެވެ.

މާފަންނު ހުޅަނގު ދާއިރާގައި މިއަދު ދޮރުން ދޮރަށް ހިންގެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ޖޭޕީއާއި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް ޖޭޕީގެ ކައުންސިލްގެ ގިނަ މެންބަރުން އެމަނިކުފާނުގެ ކެމްޕޭނާ ގުޅުމަށް ވާހަކަދެކެވޭ ކަމަށެވެ.

"މީގެތެރެއިން ބައެއް ބޭފުޅުން މިހާރުވެސް އެވަނީ ސޯޝަލް މީޑިއާގައި އެކަން އިއުލާނުކޮށްފައި. އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި އޭގެ އިތުރު ބޭފުޅުން އެކަން ހާމަކުރަމުންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖޭޕީގެ މެޖޯރިޓީ ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެއިތުރުން ޑިމޮޮކްރެޓުންގެ ބޮޑު ތާއީދެއްވެސް ލިބޭނެ ކަމަށާއި އޭރުން އިންތިހާބު ކާމިޔާބުކުރަން ފަސޭހަ ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދޮރުން ދޮރަށް ކުރިއަށް ގެންދާއިރު ބައެއް މީހުން ފުރަތަމަ ބުރުގައި ވޯޓު ނުލާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާ ލިބިފައިވާ ގޮތުން އޭގެތެރެއިން ބައެއް މީހުން އެމީހުންގެ އަމިއްލަ ޓީމުތައް ހަދައިގެން އެމަނިކުފާނަށް ކެމްޕޭން ކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފަސޭހަ ކާމިޔާބީއެއް މިއިންތިހާބުގައިު އަޅުގަނޑުމެންނަށް ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު 101،635 ވޯޓު ހޯއްދެވި އެވެ.