މާލޭގައި މިވަގުތު ހުރި އެންމެ ހިތްގައިމު އަދި އެންމެ މީރުކޮށް ކައިލެވޭނެ ރެސްޓޯރެންޓަކީ ކޮބައިހޭ ސުވާލުކޮށްފި ނަމަ އޭގެ ޖަވާބަކަށް އަކޮޔާ ނުވާންވީ ސަބަބެއް ނެތެވެ. ހަގީގަތުގައި ވެސް އަކޮޔާ ރެސްޓޯރެންޓެއްގެ މަގްބޫލުކަން އާންމުން އަދި މާލެ އަށް އަރާ ޓޫރިސްޓުންގެ މެދުގައި ވެސް ބޮޑުވެފައި ވަނީ މިވަރަކަށެވެ.
މިފަހަރުގެ ރެސްޓޯރެންޓް ހޮވުމަކަށް "އަކޮޔާ ފިއުޝަން" ވީ ވެސް މި ސަބަބާ ހެދި އެވެ. މިއީ ވެސްޓާން އަދި އީސްޓާން ފުޑާއި ވަކިން ހާއްސަކޮށް ތައި ފުޑަށް ލޯބިކުރާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ ފިސާރި ކާގެ އެކެވެ.
އެހެންވީމަ މި ރެސްޓޯރެންޓާއި އެތަނުގެ ކެއުންތަކުގެ ރަހައިގައި ހުރި ހާއްސަކަމަކާއި މާލޭގެ އެހެން ރެސްޓޯރެންޓްތަކާ އަކޮޔާއާ ހުރި ތަފާތެއް ބަލައިލުމަށް ގޮސް ވާހަކަ ދައްކާލީ ރެސްޓޯރެންޓްގެ ޑެޕިއުޓީ މެނޭޖަރު ޖާދުﷲ އިބްރާހިމްއާ އެވެ. އެހިސާބުން އަދި އެނގުނީ މިކީ އާދައިގެ ރެސްޓޯރެންޓެެއް ނޫން ކަމެވެ.
އެންމެ އާދައިގެ މީހާ އިން ފެށިގެން މާލޭގެ އެންމެ އިއްޒަތްތެރި ނުވަތަ ގަދަރުވެރި މަހުޖަނު މީހާ ވެސް އެންމެ ހިތްހަމަޖެހިގެން ފަރިއްކުޅުއްވާ މާލޭގެ ރެސްޓޯރެންޓަކީ މިއީ ކަމެވެ.
"މާލެއަކީ ވަރަށް ކޮމްޕެޓިޓިވް މާކެޓެއް އޮންނަ ތަނެއް. އަޅުގަނޑުމެންގެގެ ލޮކޭޝަނަކީ ވެސް ވަށައިގެން ވަރުގަދަ ރެސްޓޯރެންޓްތަކެއް ހުރި ހިސާބެއް. އެހެންވީމަ ވަރަށް ބޮޑު ޗެލެންޖެއް މިއީ ހަގީގަތުގައި ވެސް. އެކަމަކު ވެސް ޓާގެޓަކީ މާލޭގެ ނަމްބަ ވަން އަކީ އަކޮޔާއޭ ބުނެލުން. އެކަން ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ޑެޕިއުޓީ މެނޭޖަރުގެ ވާހަކަ ފެއްޓެވީ މިހާ ވެސް އިތުބާރާއި ޔަގީންކަމާ އެކުގަ އެވެ.
"އަދި އަހަރެއް ނުވާއިރު މިހާރު ވެސް މާލޭގެ އެންމެ ޓޮޕް ރެސްޓޯރެންޓްތަކުގެ ތެރޭގައި އަޅުގަނޑުމެން ގުނާލެވޭނެ. ހާއްސަކޮށް އަޅުގަނޑުމެންގެ ފުޑަކީ ވަރަށް ކޮލިޓީ ފުޑެއްގެ ގޮތުގައި ރެގިއުލާ ކަސްޓަމަރުން ވެސް ފާހަގަކުރައްވާ."
އެހެންވީމަ އެ ވިދާޅުވާ ތަފާތަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. އެ ތަފާތެއް ބޮޑަށް ފާހަގަކުރެވޭނީ މި ރެސްޓޯރެންޓްގެ ރެގިއުލާ ކަސްޓަމަރުންގެ ގޮތުގައި ތިބި ބައެއް މީހުންހެ ވާހަކަތައް ވެސް އަޑުއިވުނީމަ އެވެ.
"މި ތަނުގައި ދޭ ރަހަ ނުވަތަ މި ޕްރެޒެންޓޭޝަން އެހެން ރެސްޓޯރެންޓަކުންނެއް ނުލިބޭނެ. އެއީ ތަފާތަކީ. އަޅުގަނޑުމެން މި ތަނުގައި މި ގެންގުޅެނީ ވަރަށް ޕްރޮފެޝަނަލް ތައި ޝެފެއް. އެ ތަފާތު ފެންނާނެ. އޭނާގެ އަމިއްލަ ތަޖުރިބާ އާއި ރެސިޕީތަކުގެ ތަފާތު އަޅުގަނޑުމެންގެ ރަހައިގެ ތަފާތަކީ،" ޖާދުﷲ ވިދާޅުވި އެވެ.
"މާލޭގައި މަޝްހޫރު ރެސްޓޯރެންޓްތައް ހިންގާ އިސް ބޭފުޅުން ވެސް މިތަނަށް ވަޑައިގެން ވިދާޅުވެފައި އެބަހުރި އެބޭފުޅުންގެ އަމިއްލަ ރެސްޓޯރެންޓްގެ ފުޑަށް ވުރެ މިތަނުގެ ފުޑް ރަނގަޅުވީމައޭ ރެގިއުލާކޮށް ވެސް އާދެވެނީ. ވަކި ކޮން ބޭފުޅުންތަކެއް ކަމަށް ދަންނަވާކަށް އަޅުގަނޑު ނެތިން."
ހާއްސަކަމުގެ އިތުރު ވާހަކަތަކެއް!
ޖާދުﷲ ވިދާޅުވީ އެމީހުންގެ ރެސްޓޯރެންޓް އިހްތިޔާރުކުރަން ޖެހޭ ސަބަބުތަކަށް ބަލާއިރު "ޓޭސްޓަކުން" އެކަނި ފުއްދާލެވެން ނެތް ކަމަށެވެ.
"ޗޫޒްކުރަން ޖެހޭ ސަބަބަކީ ޓޭސްޓް. ސާވިސް. ގްރީޓިން. ޕްލަސް އަޅުގަނޑުމެންގެ ރެގިއުލާ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ރޯޔަލްޓީ ކާޑްތަކެއް. މިކޮޅަށް އެޕްލައިކުރެއްވީމަ ފޯމް ލިބިވަޑައިގަންނަވާނެ ފުރަން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިތަނުން ސާވްކޮށްދޭ ޑިޝްތަކަށް ބަލާއިރު ވެސް ހިތްގައިމުކަމެއް އޭގައި އެކުލެވިގެންވުމުގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޑިޝްތަކެއް ވެސް އެބަހުއްޓެވެ.
"ޕިއްޒާ އަކީ ވެސް އަޅުގަނޑުމެންގެ ރެސްޓޯރެންޓްގައި ކަސްޓަމަރުންގެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ އެއްޗެއް. އޭގެ އިތުރުން ތައި ހުރިހާ ޑިޝްތަކެއް ވެސް ވަރަށް ހިނގާ. ބޭކެޑް ސީފުޑް ރައިސް އަކީ ވެސް ވަރަށް ގިނަ ބޭފުޅުންނަށް ކަމުދާ ކެއުމެއް މިކޮޅުގަ. މީގެ އިތުރުން ގަރުދިޔަ އާއި ބަތުގެ ޑިޝް ވާނެ މިކޮޅުގައި އެންމެ ގަދަ އަށް ހިނގާ ޑިޝްއަކަށް. އޭގެ މަގްބޫލުކަން ދިވެހިންނާއި ޔޫރަޕް މީހުންގެ މެދުގައި ވެސް ވަރަށް ބޮޑު،" ޖާދުﷲ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ގަރުދިޔަ އާއި ބަތް މިކޮޅުގައި ތަފާތުވާ ސަބަބަކީ އޭގެ އެންމެ ފްރެޝްކަން މަތީގައި ކާލަން ލިބުންހެން. އަނެއްކޮޅުން އެއާއެކު އަޅުގަނޑުމެން ސާވްކުރަން ފިހުނު މަސް ވެސް."
"ވަރަށް ހައި ޕްރޮފައިލް ކަސްޓަމަރުންގެ މެދުގައި ވެސް މަގްބޫލު ޑިޝްއެއް އެއީ. ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓް މިނިސްޓަރުން ވެސް ވަރަށް ގިނައިން މިތަނަށް ވަޑައިގަންނަވާނެ ސީދާ ގަރުދިޔަ އާއި ބަތް ފަރީކުޅެއްވުމަށް."
"ގަރުދިޔަ ރައިސް މިކޮޅުން މި އިންނަނީ 70 ރ. އަށް. އޭތި އިންނާނީ ސެޓް މެނޫއެއްގެ ގޮތުގައި. އަންނައިރު އަންނާނީ ފިހުނު މަހާއި ލުނބޮޔާއި މިރުހާ ވެސް އެކު."
އެންމެ މުހިންމީ ކަސްޓަމަރާއި ކޮލިޓީ!
"އަޅުގަނޑުމެންގެ އަތުގައި އެއްޗެއް ނެތަސް އަޅުގަނޑުމެން ބަލަނީ އެއްޗެހި ހަމަކޮށްގެން ނަމަވެސް ކަސްޓަމަރަށް ސާވްކޮށްދެވޭތޯ. މިސާލަކަށް ސަބްމެރިން އަކަށް އޯޑަރު ދޭއިރު އޭގެ ބަނަސް ހުސްވެފައިވާ ނަމަ އެ ބަނަސް ބޭރުން ގަނެގެން ގެނެސް ވެސް 15 މިނެޓާއި 20 މިނެޓް ތެރޭގައި ސާވްކޮށްދޭނެ. އެ ބުނާ ގަޑީގައި ސާވްކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބަލާ ކަމެއް،" ޖާދުﷲ ވިދާޅުވި އެވެ.
އޭނާ ބުނީ އަކޮޔާ އަށް ކާން ދާން ނުވަތަ ވަގުތުކޮޅެއް ހޭދަކޮށްލަން ދާ މީހަކު ހިތްހަމަނުޖެހިއްޖެ ނަމަ އޭގެ ބަދަލު ވެސް އެތަނުން ދޭ ކަމަށެވެ.
"ފުޑް ސަކަރާތްވެއްޖެއް ނަމަ ކައި ނިމުމުގެ ކުރިން ސީދާ އަޅުގަނޑު ގޮސް އެ ކަސްޓަމަރަކާ ސުވާލުކޮށް އެ މީލްއެއް އޭނާ އަށް ފްރީކޮށްލަދޭނަން. އެ މީހަކު ހިތްހަމަޖެހޭ ވަރުގެ އާ ޑިޝްއެއް އެމީހަކަށް އަޅުގަނޑުމެން ސާވްކޮށްދޭނަން. އެހެން ތަންތަނުގައި ނުލިބޭނެ ސާވިސްއެއް މިއީ ވެސް،" ޖާދުﷲ ވިދާޅުވި އެވެ.
"ކްލީ ޓްރެއިނިން ދޭނެ މިތަނުގެ ވެއިޓަރުންނަށް. އަނެއްކޮޅުން އަޅުގަނޑު ޕާސަނަލީ މިތަނުގައި ހުރެގެން، ފަހަތުގައި ހުރެގެން ބަލާލަން ކަމެއް ގޯސްކޮށް ދޭތޯ. އެގޮތަށް މައްސަލައެއް އުޅޭ ނަމަ އަނެއްކާވެސް ކިޔައިދޭނަން. ނުވަތަ ގޮސް އަމިއްލަ އަށް ވެސް އެ މަސައްކަތެއް ކުރަން."
"އަބަދުވެސް ބަލަން ކަސްޓަމަރަކު އަންނައިރަށް އެ މީހަކަށް ދޮރު ވެސް ހުޅުވައިދެވޭތޯ. ޓާގެޓްކުރަނީ އެ ހިސާބުން ވެސް ހިދުމަތް ދެވޭނެ ކަމަށް އަޅުގަނޑުމެންނަށް."
އޭނާ ވިދާޅުވީ މިފަދަ ހިދުމަތެއް ކަސްޓަމަރުންނަށް ދޭއިރު އޭގެ ކޮލިޓީ ހިފެހެއްޓޭ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށާއި އެކަން ކަސްޓަމަރުންގެ ހިޔާލުތަކުން ވެސް އެނގޭ ކަމަށެވެ.
"ކޮލިޓީ ހިފެހެއްޓޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެންނާ ޖެހިގެން މިހުރި ރެސްޓޯރެންޓްތަކަށް ބަލާއިރު އެއް ތަނަކީ ތްރީ މީލް ބުފޭ ހުންނަ ރެސްޓޯރެންޓެއް. އެތަނުގެ ރެގިއުލާ ކަސްޓަމަރުން މިހާރު މިތަނުގެ ރެގިއުލާ ކަސްޓަމަރުންނަށް ވުމަކީ އަޅުގަނޑުމެންގެ ކޮލިޓީ ހުރިކަން އެނގިގެންދާ ކަމެއް،" ޖާދުﷲ ވިދާޅުވި އެވެ.
"އެގޮތަށް ފާހަގަކޮށްލެވޭ ކަސްޓަމަރުން ބުނަނީ އެހެން ތަންތަނުގެ ކެއުންތަކަށް ވުރެ ވެރައިޓީސް ގިނައޭ މިތަނުގައި. އެކަމަކު މުހިންމީ ވެރައިޓީސްއެއް ވެސް ނޫނޭ. މުހިންމީ ރަހަ އާއި ސާވިސްއޭ. އެހެންވީމަ އަޅުގަނޑުމެން އަބަދުވެސް ބަލަން ފުޑަކީ ކޮލިޓީއެއްޗަކަށް ހެދޭތޯ އާއި ސާވިސް ރަނގަޅުކުރެވޭތޯ."
ފިނިބުއިމެއް ނެތް؟
"އެންމެ ޕޮޕިއުލާ ޑިޝް އަކީ ޝެފްސް ބާގާ. އެއީ 80ރ. އެއީ އެންމެ އެންމެ ޕޮޕިއުލާ ޑިޝް. ބާގާ އަށް ފަހު ޕާސްޓާ އަކީ ވެސް ވަރަށް ހިނގާ ޑިޝްތަކެއް ދިވެހިންގެ މެދުގައި،" ޖާދުﷲ ވިދާޅުވި އެވެ.
އެހެންވީމަ މިތަނުން ލިބެން ހުރި މީރު އަދި ތަފާތު ބުއިންތަކަކީ ވެސް ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
"އެލް މޮހޯތޯ އަކީ ކޮފީއަށް ފަހު މިކޮޅުގައި އެންމެ ހިނގާ ޑްރިންކް. އޭގެ ޑްރިންކެއް ލިބޭނެ 50ރ. އަށް. އައިސް ޓީ އަކީ ވެސް ޑްރިންކްސްތަކަށް ބަލާއިރު ވަރަށް މަގްބޫލު ބުއިމެއް. މިތަނުން އައިސް ޓީއެއް ބޯލަން އަންނަ މީހުންވެސް ވަރަށް ގިނަވާނެ. އެހެން ތަންތަނުން ބޯލަން ލިބޭ އައިސްޓީއާ މިތަނުން ސާވްކޮށްދޭ އައިސްޓީގެ ތަފާތަކީ މިތަނުގައި އައިސް ކިއުބަކީ ވެސް އައިސް ޓީ. އެހެންވީމަ އޭތި މެލްޓްވާ ވަރަކަށް ވެސް ރަހައިގެ ކޮލިޓީ އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ހުންނާނެ،" ޖާދުﷲ ކިޔައިދެއްވި އެވެ.
"އޭގެ އިތުރުން އަޅުގަނޑުމެން މިހާރު ތައާރަފްކޮށްދިން ބުލް ކުރުނބާ ކިޔާ ޑްރިންކެއް ވެސް. އެއީ ރެޑްބުލް ބޭނުންކޮށްގެން ތައްޔާރުކުރާ ޑްރިންކެއް. މާލޭގެ އެހެން އެއްވެސް ރެސްޓޯރެންޓަކުން ނުލިބޭނެ މި ޑްރިންކެއް."
އޭނާ ވިދާޅުވީ އެންމެ ބޮޑީ ކޮފީ ބޯން އަންނަ ކްރައުޑް ކަމަށެވެ.
"ލަވާޒާ އާއި އިލީ ކޮފީ މިކޮޅުން ލިބޭނެ. އެކަމަކު މާލޭގެ އެހެން އެއްވެސް ރެސްޓޯރެންޓަކަށް ވުރެ މިތަނުގައި ކޮފީ އަގުހެޔޮވާނެ. އެއީ އާންމުކޮށް ކޮފީއެއް ބޯލަން މި ބިލެނީ 30 ރުފިޔާ ނުވަތަ 40 ރުފިޔާ އިން މަތިން. އަޅުގަނޑުމެންގެ ރެސްޓޯރެންޓުން 20 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކުގައި ކޮފީ ލިބޭނެ."