މިރޭ މިއީ އަނެއްކާވެސް މޯލްޑިވިއަން އައިޑޮލްގެ ރެއެކެވެ. ގަޑިން ދިހަގަޑި ބައިވާންވާއިރަށް މާލޭގެ މަގުތަކުންނާއި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ މަގުތަކުން ވެސް މީހުން މަދުވެ ގޭގޭގެ ސިޓިންރޫމްތަކަށް މިބައި މީހުންތައް ޖަމާވާން ފަށާނެ އެވެ. ސޯޝަލް މީޑިއާގެ ދިވެހި އިމުގައި، ވަކިން ހާއްސަކޮށް ޓްވިޓާގައި އޮންނަ ދިވެހި ލަޝްކަރުން ވެސް ސިޔާސީ ހަލަބޮލިކަން ފިލައިގެން ގޮސް މޯލްޑިވިއަން އައިޑޮލްގެ ހޭޝްޓެގުތައް ބަންޑުންވާން ފަށާނެ އެވެ.
ދެން އިވޭނީ ބިސްކޮލާޓާ ދަޅުގަނޑުގެ މަތިގަނޑު ކަނޑާލައިގެން އެ ކުދި ބިސްކޯދުތައް ހަފަމުން އެންމެން އެކުގައި މޯލްޑިވިއަން އައިޑޮލްގެ ހިތްގައިމު ކަމަށް ގޭގެ ސިޓިންރޫމްތަކުގައި ލަވަކުޅެން ފަށާ އަޑެވެ.
ދެކޮޅު ހެދެން ނެތް ހަގީގަތަކީ މިއީ އެވެ. މޯލްޑިވިއަން އައިޑޮލްއާ އެކު ދިވެހިންގެ މެދުގައި އެންމެ މަގްބޫލު "ހެފުމަކަށް އަދި ދުފުމަކަށް" ވެސް މިހާރު ވެފައި މި އޮތީ ލޮޓަސް އިން ރާއްޖެ އެތެރެކޮށް ވިއްކާ މި ބިސްކޮލާޓާ ބިސްކޯދުތަކެކެވެ. ބިސްކޮލާޓާއެއްގެ ފޯރި މޯލްޑިވިއަން އައިޑޮލްގެ ބެލުންތެރިންގެ މެދުގައި އޮތްވަރު އެންމެ ގާތުން އިހްސާސްކޮށްލެވޭނީ މޯލްޑިވިއަން އައިޑޮލް ކުރިއަށްދާ ގަޑީގައި ޓްވީޓާ އަށް ވަދެ ދިވެހިންގެ އިމަށް ބޯކޮށްޕާލުމުންނެވެ.
ތިރީގައި މި އަންނަނީ އެ މައިދާނުން ހޮވާލާފައިވާ ބައެއް ހިޔާލުތަކެވެ.
"ޑައެޓްގައި މި އުޅެނީ. އެކަމަކު ވެސް ބިސްކޮލާޓާ ކެވިދާނެ."
"މޯލްޑިވިއަން އައިޑޮލްގެ ވަގުތު ޖެހުނީ. ބިސްކޮލާޓާގެ ވަގުތު ވެސް ޖެހުނީ."
"ބިސްކޮލާޓާ މިކެއީ އިއްޔެ ރޭ އަދި އަލަށް. ވަރަށް މީރު"
މިފަދަ ހިޔާލުތަކެއް ބިސްކޮލާޓާ އަށް ބަންޑުންވަމުން އަންނައިރު މި ބިސްކޮލާޓާއަކާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގެ ތެރެއިން ފާހަގަނުކޮށް ދޫކޮށްލެވެން ނެތް އަނެއް ވާހަކަ އަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒާއި ބިސްކޮލާޓާއާ ދެމެދު ފައްކާކޮށްފައިވާ ލޯބީގެ ވާހަކަ އެވެ.
ލޮޓަސް ފިހާރައިގެ ހެޔޮއެދުންތަކާ އެކު ބިސްކޮލާޓާގެ ހަދިޔާތައް އޮހެމުން އަންނަ ޓެޑްރީ ބުނަނީ މިހެންނެވެ.
"މޯލްޑިވިއަން އައިޑޮލްއާ އެކު މިހާތަނަށް ދިމާވި އެންމެ މޮޅު ކަމަކީ ބިސްކޮލާޓާ ޑިސްކަވާކުރެވުން،" ޓްވީޓެއްގައި ޓެޑް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާ ހާވާލާއިރު މޯލްޑިވިއަން އައިޑޮލްއާ އެކު ބިސްކޮލާޓާގެ ފޯރި އެންމެ ގަދަކޮށްލައިގެން އުޅޭ ފަރާތަކީ ވެސް ޓެޑްރީ އެވެ. ބިސްކޮލާޓާގެ ވާހަކަ އަންނަ ކޮންމެ ފަހަރަކު ޓެޑްރީގެ ޓްވިޓާ ހެންޑްލް އޭގައި ޓެޑްކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ. މި ސަބަބާ ގުޅުވައިގެން ބައެއް ފަރާތްތަކުން މިހާރު ޓެޑް ސިފަކުރަމުން ދަނީ ބިސްކޮލާޓާގެ "އެކްސިޑެންޓަލް މެސްކޮޓް" ގެ ގޮތުގަ އެވެ.
އަދި ޓެޑްރީ އާއި އޯރިއޯ ބިސްކޯދާ އޮތް ގުޅުން ކެނޑިއްޖެ ކަމަށް ނުވަތަ މި ބިސްކޮލާޓާއަކާ ޖެހިގެން ގޮސް އޯރިއޯ އަށް ޓެޑް ބޭވަފާތެރިވެއްޖެ ކަމުގެ އަޑު ވެސް ސޯޝަލް މީޑިއާގައި އުޅެނީ ނިކަން ގަދަކޮށެވެ. ހިތާމަ އަކީ ޓެޑްރީގެ "ނިއު ބެސްޓް ފްރެންޑާ" ބެހޭ އަޕްޑޭޓެއް ހޯދާލަން ގުޅާލިއިރު ފޯނު ނިއްވާލާފައި އޮތުމެވެ.
ކޮންމެއަކަސް ޓެޑްރީ އާއި މޯލްޑިވިއަން އައިޑޮލްގެ އެހެން ބެލުންތެރިން ވެސް މި ބިސްކޮލާޓާއެއްގެ ފޮނި ޗޮކުލެޓްގަނޑެއްގައި ތަތްވިގޮތަށް އެއިން ނުނެއްޓިގެން އުޅޭއިރު މޯލްޑިވިއަން އައިޑޮލްގެ ކޮމާޝަލް ބްރޭކުގައި ގެނެސްދޭ ބިސްކޮލާޓާގެ އިޝްތިހާރަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އެޑެކެވެ. މިި އިޝްތިހާރެއްގައި ފެންނަ ފިރިހެނަކަށް އަންހެން ކުދިންގެ ހިތްތައް ވިރިގެން ފައިބަނީ ބިސްކޮލާޓާއެއްގެ ޖާދުލަކަށް ވެސް ދިޔާނުވާ މިންވަރެއްގަ އެވެ.
މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. މޯލްޑިވިއަން އައިޑޮލް ފެށުމުގެ ކުރިން ބިސްކޮލާޓާ، ވަކިން ހާއްސަކޮށް އޭގެ އޮރިޖިނަލްގެ ގޮތުގައި ގިނަ ދިވެހިން ދަންނަ "މޫޑް" އަކީ ފިހާރަތަކުން ހޯދަން އެހާ އުނދަގޫ އެއްޗެއް ނޫނެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްއެއްގެ ފޯރިއާ އެކު ބިސްކޮލާޓާ ސާޓަނުގެ ގުޅަ އާއި ހުސްނޫގޭ ބަޖިޔާއާ އެއްވަރަކަށް ވިކެން ފެށިފަހުން މީގެ ދަޅެއް ނުވަތަ ޕެކެޓެއް ކަންމަތީ ފިހާރައަކުން ހޯދުން ވެސް މިއީ އުނދަގޫ ކަމެކެވެ.
ލޮޓަސް ފިހާރަ އަކީ މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސަރެވެ.