ބޯހިޔާވަހިކަން

އިތުރު 4،000 ގޯއްޗާއި، 6،000 ފްލެޓް ދެނީ

މާލެ ސަރަހައްދުން އިތުރު 4،000އަށް ވުުރެ ގިނަ ގޯއްޗާއި އިތުރު 6،000 ފްލެޓް ދޫކުރަން ނިންމައިފި އެވެ.

މި ގޯތިތަކާއި ފްލެޓްތަކަށް ކުރިމަތިލުމަށް މިއަދު ނޫނީ މާދަމާ ހުޅުވާލުމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އަލަށް ހުޅުވާލި ފްލެޓްތައް ދޫކުރަން ނިންމާފައިވަނީ ހުޅުމާލެ އިންނެވެ. ނަމަވެސް ގޯތިތައް ދޫކުރާ ވަކި ސަރަހައްދެއް އަދި ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ސަރަހައްދު އޮންނާނީ ބްރިޖުން މާލެއާއި ގުޅާލެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

މާލޭގެ ގަލޮޅު ކަންމަތީގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ރައްޔިތުންނަށް އެ މީހުން މާލޭގައި ދިރިއުޅޭތީ އެ މީހުންގެ އަސްލު ރަށުންވެސް އަދި މާލެ އިން ވެސް ގޯތި ލިބުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް އަމާޒުކޮށްގެން ގޯއްޗާއި ފްލެޓް ލިބޭ ސްކީމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު އިރާދަކުރެއްވިއްޔާ މި ނިންމަނީ އަނެއްކާވެސް އާ ހައުސިން ސްކީމެއް ފެށްޓުމަށްޓަކައި. އޭގެތެރޭގައި މާލޭގައި ދިރިއުޅޭ އަޅުގަނޑުމެން މިކިޔާ ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭން ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރެއިން އަޅުގަނޑުމެން ފްލެޓާއި ގޯތި ދޫކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.