ދުނިޔެ

ފަރަންސޭސި ހައިކޯޓުން ބުރުގާ މައްސަލަ ބޭރުކޮށްފި

ފަރަންސޭސިވިލާތުގެ ސްކޫލްތަކުގައި މުސްލިމު އަންހެނުން އަބާޔާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގެ އެންމެ މަތީ ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރި އެވެ.

ނަމަވެސް ފަރަންސޭސި ސަރުކާރުން އަބާޔާ މަނާކުރަން ނެރުނު އަމުރު ސައްހަ ކަމަށް ބުނެ ފަރަންސޭސިވިލާތުގެ އެންމެ މަތީ ކޯޓުން އެ މައްސަލަ ވަނީ ބޭރުކޮށްފަ އެވެ.

އަބާޔާ މައްސަލަ ހައިކޯޓަށް ހުށަހެޅީ ތިން ޖަމާއަތަކުންނެވެ. މި ޖަމާއަތްތަކުން ބުނާ ގޮތުން އަބާޔާ އެޅުން މަނާކުރުމަކީ މުސްލިމު ކަނބަލުންގެ ފަރުދީ ހައްގަށް އަރައިގަތުމެވެ.

އަބާޔާ އަކީ ސަގާފީ އަދި ދީނީ ކަމަކަށް ވުރެ ބޮޑަށް ކަނބަލުންގެ ވަނާތައް ނިވައިކުރުމަށް އަޅާ ހެދުމެއް ކަމަށް ވެސް އޮތީ ބުނެފަ އެވެ. އެއީ ޒީނަތްތެރިވުން ނޫން ކަމަށާއި ސްކޫލް އަދި ކޮލެޖުތަކަށް ދާއިރު އަބާޔާ އަޅަނީ ވަކި ސަގާފަތެއް ފެތުރުމަށް ނޫން ކަމަށްވެސް އޮތީ ބުނެފަ އެވެ. ނަމަވެސް ސަރުކާރުން އަބާޔާ މަނާކޮށްފައި އޮތް އޮތުން އެ ގޮތުގައި ދަމަހައްޓައި ހައި ކޯޓުން ވަނީ އެއީ ބެލެން ނެތް މައްސަލައެއް ކަަމަށް ހަދައި، ކޯޓުން ބޭރުކޮށްފަ އެވެ.

މުސްލިމުންނަށް އަމާޒުކޮށް ފަރަންސޭސިވިލާތުގައި ހަދާ ނެރޭ މިފަދަ އަމުރުތަކުގެ ސަބަބުން އެ ގައުމު މިހާރު އޮތީ ބިރުވެރިކަމެއްގަ އެވެ. އެއީ މުސްލިމުންގެ ނަމުގައި ބަޔަކު ދީފާނެ ހަމަލާއެއްގެ ސަބަބުންނެވެ.

ފަރަންސޭސި ސަރުކާރުން ބުނާ ގޮތުން ސްކޫލް، ޔުނިވާސިޓީތަކުގައި އަބާޔާ އެޅުން މަނާކުރީ މުސްލިމު ކަނބަލުންނަށް އަމާޒުކޮށެއް ނޫނެވެ. އެއީ ދީނީ، ސަގާފީ ހެދުން އަޅައިގެން ދާން ޖެހޭ ތަންތައް ނޫން ކަަމަށްވެސް އިދާރާތަކުން ބުނެ އެވެ.

ފަރަންސޭސި އިދާރާތަކުން މިހެން ބުނި ނަމަވެސް މިފަދައިން ނެރޭ އަމުރުތައް އަމާޒުވަނީ މުސްލިމުންނަށެވެ.

މުސްލިމުންގެ ގެދޮރާއި މިސްކިތްތައް އަދި އެހީދޭ ފައުންޑޭޝަންތައް ފަދަ ތަންތަން ވެސް ފަރަންސޭސި ސަރުކާރުން ހިމަނާފައިވަނީ ހަރުކަށި ފިކުރު ފަތުރާ ތަންތަން ގޮތަށެވެ.

ކަން މިހެން އޮތުމުން ފަރަންސޭސި ސިފައިން ދޭތެރެ ދޭތެރެއިން މިސްކިތްތަކަށް ވަދެގަތުމާއި އެހީދޭ މަރުކަޒުތައް ބަލައި ފާސްކޮށް އަދި ޖަމާކޮށްފައި ހުންނަ ފައިސާތައް ވެސް ނަގައިގަންނަ ކަަމަށް ހަބަރުތައް ބުނެ އެވެ.