ދުނިޔެ

ބުރުގާ މަނާކޮށްފި ނަމަ ދާހިލީ ހަނގުރާމައެއް ފެށޭނެ

ފްރާންސްގައި އާންމު ތަންތަނުގައި ބުރުގާ މަނާ ކުރަން ހަދައިގެން ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

މެކްރޮން މިހެން ވިދާޅުވީ ފްރާންސްގައި މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގައި އެމަނިފާނާ ވާދަ ކުރައްވާ އިދިކޮޅު ލީޑަރު މާރިން ލުޕެންއަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މާރިން ލުޕެން ވިދާޅުވި ގޮތުގައި އެކަމަނާއަށް ފްރާންސްގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ އާންމު ތަންތަނުގައި ބުރުގާ އެޅުން މަނާ ކުރާނެ އެވެ. އަދި ބުރުގާ އަޅައިގެން މުސްލިމް އަންހެނަކު ބޭރަށް ނުކުމެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާނެ އެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި މުސްލިމް ކަނބަލުންނަށް ބުރުގާ އެޅުން މަނައެއް ނުވާނެ،" މެކްރޮން ވިދާޅުވި އެވެ. "މުސްލިމް ކަނބަލުން ދީނީ ޝިއާރެއް ގޮތުގައި ތުރުކުރައްވާ އެއްވެސް ޒާތެއްގެ ހެދުމަކަށް ހުރަހެއް ނޯންނާނެ" ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.

ފްރާންސްގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮތީ އޭޕްރީލް 10، އާދީއްތަ ދުވަހު އެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ އިމަނުއެލް މެކްރޮން އާއި މާރިން ލުޕެން އެވެ. ދެވަނަ ބުރު އޮންނަނީ އޭޕްރީލް 24، އާދިއްތަ ދުވަހު އެވެ.

ރިޔާސީ ފައިނަލް ބަހުސެއް ގޮތުގައި އާންމު ޓީވީތަކުން ދުރަށް ދެއްކި ދެ ކެނޑިޑޭޓުންގެ ވާދަ ކުރެއްވުމުގައި ވެރިކަން ލިބިވަޑައިގެންފި ނަމަ އުންމީދު ކުރައްވާ ގޮތް ދެ ކެންޑިޑޭޓުން އާންމު ކުރެއްވި އެވެ. އަދި އެއީ ހުސް ވައުދުތަކަކަށް ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި ދީނަކާ ހަނގުރާމަ ކުރުމަކީ ފްރާންސްއަށް ބޮޑު ނުރައްކަލެކެވެ. އަދި ހައްދުފަހައަޅާ ދިއުމާ ދެކޮޅު ހެދުމަކީ ބުރުގާ މަނާ ކުރުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެކްރޮން ވިދާޅުވީ ފްރާންސްގައި ދީނީ ހަމަނުޖެހުންތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަމަކު ދީނީ މިނިވަންކަމަށް، އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

"މުސްލިމް ކަނބަލުންނަށް ބުރުގާ އެޅޭނެ،" މެކްރޮން ވިދާޅުވި އެވެ. "އެކަމުގައި އެއްވެސް ހުރަހެއް ނޯންނާނެ"

މާރީން ލުޕެން ދެކެވަޑައިގަންނަވާ ގޮތުގައި މުސްލިމް ބުރުގާއަކީ ކަނބަލުންނަށް ބޮޑު ތަކުލީފެކެވެ. އެފަދަ ދަތި ބަންދެއްގައި ކަނބަލުން ތިބެން ދޫކޮށް ނުލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެކްރޮންއަށް ފުރަތަމަ ބުރުގައި 28 ޕަސެންޓް ވަނީ ލިބިވަޑައިގެންފަ އެވެ. އިދިކޮޅު ކެންޑިޑޭޓް މާރިން ލުޕެންއަށް ލިބިވަޑައިގެންފައި ވަނީ 24.5 ޕަސެންޓް އެވެ. ތިންވަނަ ލިބިވަޑައިގެންފައި ވަނީ ޒޯން ލުކްމެލޯންޝޯ އަށް، އެއީ 19 ޕަސެންޓެވެ.