ހަބަރު

ނަޝީދުގެ ސަރުކާރަކީ ޑިކްޓޭޓާޝިޕެއް، ޑިމޮކްރަސީ އޮތީ މިއަދު: ޒުހޫރު

ޑިމޮކްރަސީގެ ނަމުގައި ފުރަތަމަ އިންތިހާބު ކުރި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަކީ ޑިކްޓޭޓާޝިޕެއް ކަމަށާއި ހަގީގީ ޑިމޮކްރަސީގެ ދައްކައިދެނީ މިއަދު ސަރުކާރުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ޒުހޫރު މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ކުރިޔަށްދާ "ޑިމޮކްރަސީ ވީކް" ފާހަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި "ދުއްލިސާ" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިން ޑިމޮކްރަސީއަކަށް ބޭނުން ވެގެން އައްޔަން ކުރި ފުރަތަމަ ރައީސް ކަން ކުރެއްވީ އިތުރު ބައެއްގެ އަޑުއެހުމަކާއި ނުލައި އަމިއްލަފުޅަށް ބޭނުންވާ ގޮތަށް ކަމަށާއި އޭގެ ނަތީޖާއަކަށްވީ ގައުމު ފަހަތަށް ސޮއްސާލައި ޑިމޮކްރަސީ އަލުން ބިނާ ކުރަން ޖެހުން ކަމަށެވެ.

ޒުހޫރު ވިދާޅުވީ މިއަދުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކޮންމެ ކަމެއް ކުރައްވަނީ ގިނަ މަޝްވަރާތަކެއްގެ މައްޗައް ބިނާކޮށްގެން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ދެއަހަރު ތެރޭގައި ހަގީގީ ޑިމޮކްރަސީ އޮންނަ ގައުމެއް ފަދައިން ރާއްޖެ އަށް ބޮޑެތި ކުރިއެރުން ތަކެއް ލިބުނު ކަމަށެވެ.

"އެހެންވެގެން އަޅުގަނޑުމެން ދަންނަވަން ޖެހެނީ މިހާރު މިހުރީ ހަގީގީ ޑިމޮކްރަޓިކް ވެރިޔެއް ކަން. ޑިމޮކްރަސީގެ ނަމުގައި ފުރަތަމަ އައްޔަން ކުރީ ހުދުމުހުތާރު ޑިކްޓޭޓާ ޝިޕެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ކުރީގެ ސަރުކާރުން ރާއްޖޭގެ ހާލަތު އިންތިހާއަށް ދަށު ދަރަޖައަށް ގެންދިޔަ އިރު މިހާރުވެސް ފެންނަނީ ޑިމޮކްރަސީގެ ނަމުގައި ރާއްޖެ ބަދުނާމުކޮށް މީހުންގެ އަބުރު ކަތިލައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ މުޅި ރާއްޖޭގައި އުފައްދަމުންދާ މަންޒަރު ކަމަށެވެ. އެހެން ނަމަވެސް ހަގީގީ ޑިމޮކްރަސީ ހިޔާލު ފާޅު ކުރަނީ މިފަދަ ކަންތައްތަކާއި ދުރުގައި ތިބެގެން ކަމަށެވެ.

"މިއަދު ފެނިގެން މިދަނީ އެންމެ އަޑުގަދަ މީހާ ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް ޒުވާނުން އޭގެ އަވާގަ ޖެހިގެން ތަރުހީބު ދޭތަން. އެއީ ޑިމޮކްރަސީއޭ ކިޔާގެން އަމިއްލަ އެދުމަކަށް ކުރާކަމެއް. އެހެންވެ މި ގޮވާލަނީ އެފަދަ ދޮގުތަކަށް ނުހެއްލެން،" ޒުހޫރު ވިދާޅުވި އެވެ.