ބޯހިޔާވަހިކަން

ގިނަ ދުވަސްވީ ފްލެޓް ދޫކޮށްލައިގެން އާ ފްލެޓެއް ލިބިދާނެ

ކުރީގެ ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ތެރެއިން ލިބިފައިވާ ފްލެޓް ދޫކޮށްލުމަށް އެއްބަސްވާނަމަ މިސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިަމތިލެވޭ ގޮތް ހަދައިފި އެވެ.

މިގޮތުން މާލޭގައި ހަދާފައިވާ ސިނަމާލެ ފްލެޓްތަކާއި މާލެހިޔާ ފްލެޓްތައް ލިބިފައިވާ މީހުންނާއި ހުޅުމާލެއިން އެންމެ ފުރަތަމަ ފްލެޓް ލިބުނު މީހުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަދާފައިވާ ފްލެޓްތަކުން ފްލެޓް ލިބިފައިވާ މީހުންނަށް މިފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ފްލެޓްތަކަކީ ގިނަ ދުވަސްވުމުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަންތަން ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ހަދާފައިވާ ބައެއް ފްލެޓްތަކުގެ ތެރޭގައި އެއް ކޮޓަރީގެ ތަންތަނާއި ކުދި އެޕާޓްމަންޓްތަކެއް ހުރުމުން އެކަހަލަ މީހުންނަށް އިތުރު ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކުރިން ފްލެޓް ނުވަތަ ގޯތި ލިބިފައިވާ މީހުންނަށް މިސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓާއި ގޯތި ލިބޭނީ އެ މީހުންގެ ނަމުގައި އޮންނަ ފްލެޓް ނުވަތަ ބިންކޮޅު ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިހެން ހަމަޖެއްސީ އެފަދަ ބައެއް މީހުންގެ ޝަކުވާއާއި ކަންބޮޑުވުންތައް އަޑުއެހުމަށްފަހު،" އޭނާ ވިދާޅުވި އެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 18 ބުރީގެ 32 ޓަވަރު އެޅުމަށް ހަމަޖެހިފައިވެ އެވެ. މީގެތެރޭގައި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް ހުރެ އެވެ. އަދި މިއިން ކޮންމެ މަޝްރޫއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.