މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފްލެޓުގެ ދާއިމީ ލިސްޓް އާންމުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެ، ޝަކުވާއަށް ހުޅުވާލައިފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް ނެރުނީ މިމަހުގެ އަށްވަނަ ދުވަހު ކުރިން ނެރުނު ވަގުތީ ލިސްޓަށް ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ.

ދާއިމީ ލިސްޓަށް އިތުރު ޝަކުވާއެއް އޮތް ނަމަ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ފްލެޓަށް ޝަރުތު ހަމަނުވި މީހުންނަށް ޝަރުތު ހަމަނުވި ސަބަބު ޕޯޓަލްގައި ބުނެދީފައިވާނެ ކަމަށެވެ.

ލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށްވެސް މިމަހުގެ ދެވަނަ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ހަވާލުކޮށްފައިވެ އެވެ. އެފްޑީސީ އިން ކުރިއަށް ގެންދާ މިމަޝްރޫއު ކޭޕީއައިއެލްއާ ހަވާލުކުރީ 37 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަަމަވެސް މި ފްލެޓްތަކަކީ ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ފްލެޓްތަކެއް ކަމަކަށް ސަރުކާރުން އަދި ބުނެފައެއް ނުވެ އެވެ.