މޫސުން

ވޯޓުލުން އޮންނަ ހަފްތާ ބަންދުގައި މޫސުން ގޯސް

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ކުރިއަށް އޮތް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ ލަފާކުރުންތަކަށް ބަލާއިރު އަދި ރާއްޖެ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު ރާއްޖެ ސަރަހައްދުގައި ބޮޑެތި ވިއްސާރަ ވިލާގަނޑުތައް ވަނީ އުފެދިފަ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ އެއްކޮށްހެން ވިއްސާރަ ކުރާނެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ.

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

ކުރިއަށް އޮތީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ މޫސުމަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ.