ޑރ. މުހައްމަދު މުއިއްޒު

ހުޅުމީދޫ ބްރިޖުގެ މަސައްކަތް ފުރަތަމަ އަހަރު ފަށާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ އަހަރުގެ ތެރޭގައި ހުޅުމީދޫއާއި ހިތަދޫ ގުޅާލުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ފޭދޫގައި މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ބައެއް މީހުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާނެ ކަމަށެވެ. އަދި އެ ބްރިޖުގެ ތަފްސީލް ޕްލޭނެއް ހެދުމަށްފަހު އެކަން ކުރެވެން ހުރި ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އުއްމީދަކީ އަދި އަޒުމަކީ އެންމެ ފުރަތަމަ ކޮޅު އަދި އެންމެ ފުރަތަމަ ހަފްތާގައިވެސް އިނީޝިއަލް ވޯކް ކުރުމުގެ މަސައްކަތް ފެށުން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ކުރެވޭ ވަރުގެ މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރައްވާނެ ގޮތުގެ ވިސްނުމެއް އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު މީގެކުރިން ވަނީ ތިނަދޫއާއި ކާޑެއްދޫ ގުޅާލުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.