ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރު މެންބަރުން އިންތިހާބު ކުރާއިރު ހުޅުމާލެ ތިން ދާއިރާ އަކަށް ބަހާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައިވެސް އަދި ލާމަރުކަޒީ ގާނޫނުގެ ދަށުންވެސް ހުޅުމާލެ އަކީ މާލޭގެ އަވަށެކެވެ. އެހެންވެ ހިނގަމުންދާ މަޖިލީހުގައި ހުޅުމާލެ ވެސް ހިމެނޭ ގޮތަށް މާލޭގެ މެންބަރުންގެ ގޮތުގައި 15 މެންބަރުން އެބަތިއްބެވެ. މަޖިލީހުގައި މިވަގުތު ހުޅުމާލެ ތަމްސީލް ކުރައްވަނީ މުޅި ހުޅުމާލެ ހިމެނޭ ގޮތަށް ހަދާފައިވާ "ހުޅުމާލެ ދާއިރާ"އަށް ނިސްބަތްވާ އެންމެ މެންބަރެކެވެ.
ހުޅުމާލެ ތިން ދާއިރާއަކަށް ބަހާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް ގައެވެ. މި ރިޕޯޓްގައިވާ ގޮތުން އަންނަ އަހަރު ހުޅުމާލެއަށް އިތުރުވާ ދެ ގޮނޑިއާ އެކު މާލެއަށް 17 މަޖިލިސް މެންބަރުން އިންތިހާބު ކުރާނެ އެވެ.
![](https://images-01.avas.mv/post/big_plaic8fJGVqCib41YuKUAcZ7E.jpg)
ހުޅުމާލެ ބަހާލުމަށް ހަމަޖެހިފައިވާ ތިން ދާއިރާ
- ހުޅުމާލެ ދެކުނު ދާއިރާ
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ބަލާއިރު އިތުރު ދެ ގޮނޑި ލިބޭ ހަމައެކަނި އަވަށަކީ ވެސް އަދި ރަށަކީ ވެސް ހަމައެކަނި ހުޅުމާލެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރަށް މެންބަރުން ހޮވިއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެފައެއް ނުވެ އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުތަކާއި ބައެއް ކުންފުނިތަކުން ހަދާފައިވާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު ހުޅުމާލޭގެ އާބާދީ ވަނީ ގާތްގަނޑަކަށް ދެގުނަވެފަ އެވެ.
![](https://images-01.avas.mv/post/big_D4771Pl05GurfnK7CiTnqbdme.jpg)
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާނީ އާބާދީގެ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންވެސް އިތުރުވެ އެވެ. އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ދެކިގެން ބައެއް މަޖިލިސް މެންބަރުން މީގެ ކުރިން ވަނީ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހުވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިފަދަ އިސްލާހުތައް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.