ހަބަރު

ޕިއާނޯ ރައުންޑުގެ ދެ ވަނަ ޝޯ އަށް ތައްޔާރުތަ؟

މިހާރު ރާއްޖޭގައި އެ ޝޯއެއްގެ ވާހަކަ އެންމެ ބާރަށް ދެކެވޭ މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގެ ދެ ވަނަ ޝޯ މިރޭ ދައްކާނެ އެވެ. މި ރައުންޑުގެ ފުރަތަމަ ޝޯ ވަނީ މިދިޔަ ހަފްތާގައި ފަށައިފަ އެވެ. މި ޝޯ ކުރިއަށްދާނީ މިދިޔަ ހަފްތާގައި ގެނެސްދިން މި ރައުންޑުގެ ފުރަތަމަ ޝޯ އާއި އެއްގޮތަށެވެ.

ޕިއާނޯ ރައުންޑަށް ހޮވުނު 16 ބައިވެރިންނަށް ވަނީ ހާއްސަ ޓްރެއިންނެއް ދީފަ އެވެ. މިރޭ ބައިވެރިން ހުށަހަޅައިދޭ ހުށަހެޅުންތަކަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މި ޝޯގެ ލަވަ ކޯޗު ތޭރަވާގެ ފަރާތުން ތަމްރީން ލިބިގެން ހުށަހަޅައިދޭ ހުށަހެޅުންތަކެކެވެ.

މިރޭ ޝޯ ފެށުމާއެކު ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިރޭ 10:30 ގައި ޝޯ ފެށުމާއެކު އެ ފުރުސަތު ހުޅުވިގެންދާނެއިރު މާދަމާ ހެނދުނު ނުވައެއް ޖަހަންދެން ވޯޓު ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވިފައިވާއިރު ފޮނުވާ ކޮންމެ އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖް ކުރެވޭނެ އެވެ. ވޯޓު ދިނުމަށް އެސްއެމްއެސް ކުރެވޭނީ، MI ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށްލާ، ވޯޓު ދިނުމަށް ބޭނުންވާ ބައިވެރިޔާގެ ނަން ޖެހުމަށްފަހު، 303 އަކަށް ފޮނުވައިގެންނެވެ. މިރޭ ހުށަހަޅައިދޭ ހުށަހެޅުންތަކަށް ޖަޖުން މާކްސް ދޭނެ އެވެ.

މާދަމާގެ ޝޯއިން ކަޓައިގެން ދާނީ، ޖަޖުން މާކްސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބޭ ދެ ބައިވެރިންނެވެ. މާކްސް ދޭނީ ޖަޖުންގެ މާކްސްގެ 50 ޕަސެންޓާއި ބެލުންތެރިންގެ ވޯޓުގެ 50 ޕަސެންޓެވެ.

ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯ ގައި ލަވަ ހުށަހަޅައިދިން އަށް ބައިވެރިންގެ ތެރެއިން ކަޓައިގެން ދިޔަ ދެ ބައިވެރިންނަކީ ރިހާނީ އަދި ޝިފާ އެވެ.

ޕިއާނޯ ރައުންޑު ނިމިގެންދާއިރު ޝޯގައި ތިބޭނީ 12 ބައިވެރިންނެވެ. އެ 12 ބައިވެރިން ދެން ދާނީ ގާލާ ރައުންޑަށެވެ.

މޯލްޑިވިއަން އައިޑޮލްއަކީ ބޮޑު ޝޯއެކެވެ. ބެލުންތެރިންގެ އިތުބާރު ހިފެހެއްޓުމަށް ވެސް ބޮޑު މަސައްކަތްތެއްކުރަން ޖެހެ އެވެ. އެގޮތުން ބެލުންތެރިން ފޮނުވާ ވޯޓަކީ ސައްހަ ވޯޓެއްކަން ޔަގީންކުރުމަށާއި ވޯޓު ގުނުން ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުމަށް އޮޑިޓް ފާމަކަށް އެކަން ވަނީ ހަވާލުކޮށްފަ އެވެ. މިކަން ހަވާލުކޮށްފައިވަނީ އޭއެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީ އަށެވެ. އޭއެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީއަކީ މުޅިން ދިވެހިން މަސައްކަތްކުރަމުން އަންނަ ކްރޮހޯރްވަތް އިންޓަނޭޝަނަލްގެ ރާއްޖޭގެ އެސޯސިއޭޓް ފާމެވެ.

"އަޅުގަނޑުމެންނާ ހަވާލުކޮށްފައިމިވަނީ މޯލްޑިވިއަން އައިޑަލްގެ ވޯޓުލުމުގެ ޕްރިސެސް އޮޑިޓްކުރުމުގެ މަސައްކަތް، ޕީއެސްއެމްގެ ބޭފުޅަކާއި އަޅުގަނޑުމެންނާއެކު ދެ ފަރާތުގެ ހާޒިރުގައި ވޯޓުތައް ގުނާފަ އެ ކޮންމެ ދުވަހަކު ވެސް އެ ބޭފުޅުންނަށް ވޯޓުގެ ނަތީޖާ ސީލްކުރާ ގޮތަށް މި އޮންނަނީ،" އޭއެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

ޕޮޕް އައިޑޮލްގެ ފްރެންޗައިޒް ޝޯއެއްގައި ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔައިރު ގާތްގަނޑަކަށް 600 އެއްހާ ކުދިން އޮޑިޝަންތަކުގައި ބައިވެރިވި އެވެ.

މޯލްޑިވިއަން އައިޑޮލްގައި ޖުމްލަ 30 އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު ގްރޭންޑް ފިނާލޭ ޝޯ އޮންނާނީ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ޝޯ ގެނެސްދޭން ހަމަޖެހިފައި ވަނީ ލައިވްކޮށެވެ.