އިލެކްޝަންސް ކޮމިޝަން

52 އިންސައްތަ އަށް ވުރެ ގިނަ މީހުން ވޯޓުލައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިހާތަނަށް ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓު ލައިފި އެވެ.

މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބިގެންވާއިރު މިހާތަނަށް 149،430 މީހުން ވަނީ ވޯޓު ލާފަ އެވެ. އެއީ ވޯޓުލެވޭ އާބާދީގެ 52.8 އިންސައްތަ މީހުންނެވެ.

ވޯޓު ލުމުގެ ހައްގު 144،410 ފިރިހެނުންނަށް ލިބިގެންވާއިރު 76،251 ފިރިހެނުން މިހާތަނަށް ވަނީ ވޯޓުލާފަ އެވެ. އަދި ވޯޓުލުމުގެ ހައްގު 138،394 އަންހެނުންނަށް ލިބިގެންވާއިރު އޭގެ ތެރެއިން 73،179 މީހުން ވަނީ ވޯޓު ލާފައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިހާތަނަށް ވޯޓު ނުލަނީ 133،374 މީހުންނެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 47.2 އިންސައްތަ މީހުންނެވެ.

ވޯޓުލާ ގިނަ މަރުކަޒުތަކުގައިވެސް މިހާރު ވަނީ ދެބައި ކުޅަ އެއްބައި މީހުން ވޯޓުލާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އިރު އެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:00ގެ ނިޔަލަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ދެވަނަ ބުރުގައި ވޯޓުލުމަށް 586 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.