އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމި އޮންނާނެ ކަމަށާއި 2013 ވަނަ އަހަރު ފެނުނު އަނިޔާވެރިކަން އަލުން ތަކުރާރުވުން ތަހައްމަލު ނުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފައިވަނިކޮށެވެ.
މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ސަރުކާރު ޒިންމާދާރު ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ފައްޔާޒު ދެއްވި އެވެ.
ޑިމޮކްރަސީ އާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރެއްވުމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ 2013ގައި ފެނުނު ހުދުމުހުތާރު ވެރިކަމާއި އަނިޔާވެރިކަމަށް އަނބުރާ ދިއުން ތަހައްމަލު ނުކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް މުއިއްޒު ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީއަކީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
"ހަގީގަތުގައި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށް އިދިކޮޅު ޕާޓީއެއް މުހިއްމު ވާނެ. އެފަދަ ޕާޓީއަކުން ސަރުކާރަށް ފާޑުވެސް ކިޔާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކީ ނަމަވެސް ގައުމީ ބޮޑެތި މައްސަލަތަކުގައި ހިޔާލު އެއްގޮތް ކުރެވެންޖެހޭނެ ކަމަށެވެ. އެމްޑީޕީގެ އިސްވެރިންނާ ގާތްގުޅުންތަކެއް އޮންނަ އިނގިރޭސިވިލާތުގައި ވެސް އިދިކޮޅު ޕާޓީން މަސައްކަތް ކުރަނީ އެގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.