ދިރާގު

ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ އޮފާތަކެއް

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް، ހާއްސަ އޮފަތަކަކާއެކު އެކުންފުނިން ފާހަގަކޮށްފި އެވެ.

މި އޮފާތައް އިއުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި އެކުންފުނިން ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކަސްޓަމަރުން ދިރާގަށް ކޮށްފައިވާ އިތުބާރަށް ޝުކުރު އަދާކުރައްވާފަ އެވެ. ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ގައުމު ކުރިއެރުވުމުގައި ދިރާގުން ކުރަމުންދާ މަސައްކަތްތަކަކީ ކަސްޓަމަރުންގެ އެއްބާރުލުމާ ނުލައި ހާސިލް ނުކުރެވޭނެ ކަމެއްކަން ޔަގީންވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ހިއްސާދާރުން އަޅުގަނޑުމެންނާ އެއްކޮށް ތިއްބަވާ އެބޭފުޅުންގެ ޑިޖިޓަލް ދަތުރުގައި އަޅުގަނޑުމެން ހިޔާރުކުރެއްވިކަމަށްޓަކައި ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިޖިޓަލް މުސްތަގްބަލުގައި ކަސްޓަމަރުން ކުރި އެރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް މެދުނުކެނޑި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޑިޖިޓަލް މުޖުތަމައެއް ބާރުވެރިކުރުވުމުގައި ދިރާގުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ "ދިރާގަކީ ޒިންމާދާރު ކޯޕަރޭޓް ގަވަނަންސްގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށެވެ. އެގޮތުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ތިމާވެއްޓަށް އަޅާލުމާއި ކުންފުނީގެ މުވައްޒަފުން ބިނާކުރުމާއި ދިވެހި ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ދިރާގުން ކުރަމުންދާ ކަމަށެވެ.

"އަދި ރާއްޖޭގައި އެންމެ ފުރަތަމަ ސަސްޓެއިނަބިލިޓީ ފަންކްޝަނެއް ގާއިމުކުރި އެއް ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏެއްގެ އިތުރުން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައިވެސް ކުރިއެރުން،" މިރްޝާން ވިދާޅުވި އެވެ.

ދިރާގުން އިއުލާންކުރި ތިން އޮފާ

ރީލޯޑް ބޮނަންޒާ

ދިރާގު އެޕް މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް 35 ޖީބީއާ ހަމައަށް ހިލޭ މޯބައިލް ޑޭޓާ ލިބޭނެ އެވެ. 24 ގަޑިއިރަށް ލިބޭ މި ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ހޯދޭނެ އެވެ.

ހިލޭ ރައުޓަ އަޕްގްރޭޑް

ހުރިހާ ކަސްޓަމަރުންނަށްވެސް ރަނގަޅު ހޯމް އިންޓަނެޓް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ރައުޓަރުތައް ހިލޭ އަޕްގްރޭޑް ކުރެވޭނެ އެވެ. އަދި ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނޫންތޯ ބަލާލެވޭނެ އެވެ.

ދިރާގު އީ-ޒޯން

މުޅިން އަލަށް ތައާރަފްކުރާ ދިރާގު އީ-ޒޯން ޕްލެޓްފޯމާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަފާތު ކޮންޓެންޓް ސަބްސްކްރައިބްކޮށް، ގޭމިން އަދި މުނިފޫހިފިލުވުމާ ގުޅުންހުރި އިތުރު ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ އެވެ. އަދި މި ޕްލެޓްފޯމް އަލަށް ލޯންޗުކުރުމުގެ އޮފައެއްގެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް ލިބޭނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމަށް އާ ކޮންޓެންޓާއި ފީޗާތައް އިތުރުވަމުންދާނެ އެވެ. ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އީ-ޒޯންއަށް އެކްސަސްވެވޭނެ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ މިހާރު ހިނގަމުން މިދާ އޮކްޓޫބަރު މަހަށް ބަހާލައިގެން ސިލްސިލާ ޕްރޮމޯޝަންތަކެއް ލޯންޗުކުރާނެ ކަމަށްވެސް އިއުލާންކޮށްފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.