ހައިކޯޓް

ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައިކޯޓު

Oct 3, 2023

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް މިދިޔަ ބުދަ ދުވަހު ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކުޑަކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ވާހަކަތަކާއި ކުއްޖާގެ މަންމަގެ ހެކިބަހަށް ބަލާއިރު މައްސަލަ ރައްދުވާ މީހާ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަން ސާފުކޮށް އެނގޭ ކަމަށެވެ. އެހެންވެ ދައުވާ ލިބޭ މީހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

މި މީހާ ބަންދުގައި ދުވަސްތަކެއް ހޭދަކޮށްފައިވާތީ އޭނާ ބާކީ ތަންފީޒުކުރަންޖެހޭނީ 13 އަހަރެވެ.

މިމައްސަލަ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ދ. އަތޮޅުގެ ރަށެއްގައެވެ. ދައުވާ ލިބޭ ފިރިހެން މީހާ ޖިންސީ ގޯނާކުރީ އެ މީހާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށެވެ.

މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝަހީދެވެ.