ޓެރަރިޒަމް

ތުރުކީއަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ ޓީއޭކޭ އިން ނަގައިފި

މިދިޔަ ބުދަ ދުވަހު ތުރުކީގެ އަންކާރާއަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ، ތުރުކީ އާއި ގުޅިފައިން އިންނަ ކުރްދިޝް ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ކުރުދިސްތާން ފްރީޑަމް ހޯކްސް (ޓީއޭކޭ) އިން އުފުލައިފި އެވެ. މި ހަމަލާގައި 28 މީހުން މަރާލި އެވެ.

ހަމަލާއާއި ބެހޭގޮތުން އެ ޖަމާއަތުން ބުނީ މިއީ ރައީސް ރަޖެބް ތައްޔިބު އުރުދުގާންގެ ސިޔާސަތުތަކާއި އިދިކޮޅުކަން ހާމަކުރުމަށް ދިން ހަމަލާއެއް ކަމަށެވެ.މި ހަމަލާއި ބެހޭގޮތުން ރައީސް އުރުދުގާން ކުރިން ވިދާޅުވީ މި ހަމަލާއަކީ ސީރިޔާއާއި ގުޅުން އޮންނަ ކުރުދިޝް ގުރޫޕަކުން ދިން ހަމަލާއެއް ކަމަށް ޔަގީން ކަމަށެވެ.

ޓީއޭކޭ އަކީ ކުރިން ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާއި ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. މި ދެ ޖަމާއަތަކީވެސް ޓެރަރިސްޓު ދެ ޖަމާއަތެވެ.

ބުދަ ދުވަހު ދިން މި ބޮމުގެ ހަމަލާ ދީފައިވަނީ ކާރެއްގައި ބޮން ހަރުކޮށް ގޮއްވާލައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހަމަލާއަށްފަހު އިތުރު ހަމަލާތައްދޭންވެސް ޓީއޭކޭން ވަނީ މަސައްކަތް ކޮށްފަ އެވެ.

މިފަހަކަށް އައިސް ތުރުކީގެ އަވަށްތަކަށް ޓެރަރިސްޓު ހަމަލާދޭ މިންވަރުވަނީ އިތުރުވެފަ އެވެ. އެގޮތުން އައިއެސް ޖަމާއަތުންވެސް އެގައުމަށް ހަމަލާދޭން މަސައްކަތް ކުރާކަން ފާހަގަކުރެވެ އެވެ.