ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު ވަހީދު މަގާމުން ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފައި ގޭގައި ބެހެއްޓުމަށްފަހު އެވެ.

ފެނަކަ ވަޒީފާއާ ވަހީދު ގުޅިވަޑައިގަތީ ސެޕްޓެމްބަރު 11، 2014 ގައެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު 26 ވަނަ ދުވަހު އެވެ.

ވަހީދު މިއަދު ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެއްފަރާތް ކުރި ސަބަބެއް ވެސް އަދި ފަހުން ވަޒީފާ އިން ވަކިކުރި ސަބަބެއްވެސް ފެނަކައިން އަންގާފައި ނުވާ ކަމަށެވެ. އަދި އެ ސަބަބު ހޯދުމަށް ކުންފުނީގެ ކަމާ ގުޅޭ ބޭފުޅުންނަށް ފޯނު ކޮށްގެން ޖަވާބު ނުދެއްވި ކަމަށާއި މެސެޖާއި އީމެއިލް ކުރުމުން އެއަށްވެސް ޖަވާބު ނުދެއްވި ކަމަށްވެސް ވަހީދު ވިދާޅުވެފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުން ވަހީދު ވަކިކޮށްފައި މިވަނީ ފެނަކަ އާއި އެކު މަސައްކަތް ކޮށްފައިވާ ބައެއް ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފެނަކަ އިން ފައިސާ ނުދޭ ކަމަށް ބުނެ އިހްތިޖާޖުކުރަމުންދާ ވަގުތެއްގައެވެ. އަދި ބައެއް ފަރާތްތަކުން ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ދަރަނި ބޮޑު ކަމަށް ބުނެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.