ސްޓެލްކޯ

ސްޓެލްކޯ އިން ފެނަކައަށް އެހީވުމަށް އެއްބަސްވެއްޖެ

ފެނަކަ ކޯޕަރޭޝަނަށް މިހާރު ކުރިމަތިވެފައިވާ ފަންނީ އަދި މާލީ ހާލަތުން އަރައިގަތުމަށް ވެވެން ހުރި ހުރިހާ އެހީއެއް، އެއްވެސް އަގަކާއި ނުލައި ސްޓެލްކޯއިން ވަމުން ގެންދާނެ ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހްމީ މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސްޓެލްކޯ އާއި ފެނަކަ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަހްމީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގު ނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަގުސަދުގައި ކޮށްދޭ ކަންތައްތަކަކަށް ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ހިލޭ ކޮށްދެވެން ހުރި ހުރިހާ ކަމެއް ހިލޭ ކޮށްދޭނަން. މުދާ ގަންނަން ޖެހިއްޖެނަމަ އޭގެ ކޮސްޓް އަޅުގަނޑުމެން ފެނަކައަށް ޕާސްކުރި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އަޅުގަނޑުމެން މި އެއްބަސްވުމުގެ ދަށުން މަސައްކަތްކޮށްދޭނަން،" ފަހްމީ ވިދާޅުވި އެވެ.

ފެނަކަ މިހާރު އޮތް ހާލަތުން އަރައިގަންނަ ޖެހޭކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ މި ވެވުނު ފަހުމުނާމާގެ ދަށުން އެކި ދާއިރާތަކުން ފެނަކައިގެ މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ސްޓެލްކޯ އިން އެހީވެދޭނެ ކަމަށެވެ.

"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގެ ރޮގުންނާއި އިލެކްޓްރިކަލް އިންޖިނިއަރިންގެ ރޮގުން އަޅުގަނޑުމެން ތަމްރީން ދޭނަން. އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގައި އާއި އަދި ފެނަކައިގެ އިންޖީނުގެތަކުގައިވެސް،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ފެނަކައިގައި މިހާރުވެސް ޓެކްނިކަލް ކެޕޭސިޓީ ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ހިދުމަތްދޭ ރަށްތައް ގިނަވުމުން މިފަދަ ތަމްރީނުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުޅާވެ، ދެވޭ ހިދުމަތަށް ރައްޔިތުންގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށެވެ.