ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ 75 މައްސަލަ ތަހުގީގު ކުރަނީ، 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި

ފެނަކަ ކޯޕަރޭޝަނާ ގުޅޭ 75 މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20.5 މިލިއަން ރުފިޔާ އަނބުރާ ކުންފުންޏަށް ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އިން ބަލަމުންދާ ފެނަކަ އާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތު އޮތް މައްސަލަތައް ހިމެނެ އެވެ.

ފެނަކަ އާއި ގުޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުމަށްފަހު އޭސީސީ އިން ވަނީ 92 ކަމެއް އިސްލާހުކުރަން ފެނަކަ އަށް އަންގާފަ އެވެ. މީގެތެރޭގައި ހިމެނެނީ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމަކާއި އަދި ކުންފުނިން ބަލައި ތަހުގީގުކުރުމަށް އަންގާފައިވާ ހަ ކަމެކެވެ.

މީގެއިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަނަށް ފުރުސަތު ހުރި މިންވަރާއި، އެފަދަ ކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަހުގީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް އޭސީސީ އިން ވަނީ ރިޕޯޓެއް ވެސް އެކުލަވާލާފަ އެވެ. މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށްވެސް އޭސީސީ އިން ވަނީ ގެނެސްފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގެ ހާލަތު އޮތީ ގޯސްކޮށެވެ. މީގެތެރެއިން ވެސް އެންމެ ބޮޑު ދަރަންޏެއް އޮތީ ފެނަކަ ކޯޕަރޭޝަން ގައެވެ.