އޭސީސީ

މަތިމަރަދޫ ފެނަކަ އޮފީހުގެ ކުރީގެ ވެރިޔަކަށް ދައުވާކުރަން އެދިއްޖެ

ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗު ހިންގުމާ 2019 ވަނަ އަހަރު ހަވާލުވެ ހުރި އޭރުގެ އެސިސްޓެންޓް މެނޭޖަރު ލ. ގަން، ތަރިވިދާގެ، ނަސްރުﷲ އަބްދުﷲގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީ އިން ނަސްރުﷲގެ މައްސަލައެއް ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުންނަވައިގެން ނަސްރުﷲ ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އޭސީސީ އިން ބުނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ. ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެ ހުންނެވި ނަސްރުﷲގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

މި މަސައްކަތް ހަވާލުކުރީ އޭރު ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދުގެ ގޮތުގައި ހަދާފައި އޮތް ގަވައިދާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަނަށް އެންގުމެއް ނެތި ކަމަށްވެސް އޭސީސީ އިން ބުންޏެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރު ނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ފުރިހަމަ ކުރި ކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާ ނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

"ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން އެނގެ އެވެ،" އޭސީސީ އިން ބުންޏެވެ.