ފެނަކަ ކޯޕަރޭޝަންގެ ބިލިން ސޮފްޓްވެއާއެއް ހެދުމަށް ހަވާލުކުރި އަމިއްލަ ކުންފުންޏަކަށް އުސޫލުތަކާއި ހިލާފަށް އެކޯޕަރޭޝަނުން ފައިސާ ދޫކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އިން މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި މ. ފެހިވިދުވަރުގެ އިސްމާއީލް ޝަމްއޫން އާއި އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓާ، ސޭލްސް އެންޑް ބިލިން ޑިޕާޓްމަންޓްގެ މަގާމުގައި ހުންނެވި އަހްމަދު ނަޖާހުގެ މައްޗަށެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަސްޓަމަރުންނަށް ބިލް ކުރުމަށްޓަކައި، ބިލިން ސޮފްޓްވެއާއެއް ހެދުމަށް އަމިއްލަ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމުގައި އެ މަސައްކަތް ނޮވެންބަރު 6، 2017ގެ ނިޔަލަށް ނިންމުމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް އެ ހިދުމަތް އަދި މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެއާ ނިމުނުކަމަށް ޝަމްއޫން ސޮއިކޮށް ލިޔުން ދޫކުރުމުގެ ސަބަބުން މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޭންޖެހޭ އެންމެހާ ފައިސާ ދޫކޮށްފައިވެ އެވެ.،
ފެނަކައިން ފައިސާ ދޫކޮށްފައިވަނީ ސޮފްޓްވެއާ ނިމުނުކަމަށް ޝަމްއޫން އާއި ނަޖާހު ސޮއިކޮށް ލިޔުން ދޫކުރުމުގެ ސަބަބުން ކަމަށްވެސް އޭސީސީ އިން ފާހަގަކޮށްފައިވެ އެެވެ.
އޭސީސީ އިން ބުނީ އެކަމަކީ އަމިއްލަ ކުންފުންޏަކަށް ނާޖާއިޒު މަންފާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއްކަން އެނގޭތީ ޝަމްއޫން އާއި ނަޖާހުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ދޫކުރި 1.4 މިލިއަން ފެނަކަ އަށް ގެއްލިފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ. އެހެންވެ އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އޭސީސީ އިން ވަނީ އަންގާފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ބިލިން ސޮފްޓްވެއާއެއް ހެދުމަށް ހަވާލުކުރި އަމިއްލަ ކުންފުންޏަކަށް އުސޫލުތަކާއި ހިލާފަށް އެކޯޕަރޭޝަނުން ފައިސާ ދޫކުރި މައްސަލައިގައި ދެ މީހަކަށް ދައުވާކުރަން ފޮނުވީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގި ކަންކަން އިސްލާހުކުރުމަށްފަހު ކަމަށްވެސް އޭސީސީ އިން ބުނެފައިވެ އެވެ.