ފެނަކަ ކޯޕްރޭޝަން

ފެނަކައިން 60 މަޝްރޫއެއް ނުނިންމާ، ބަޖެޓް ހުސްކޮށްލީ: އޭސީސީ

ފެެނަކަ ކޯޕަރޭޝަނުން އަމިއްލައަށް 60 މަޝްރޫއެއް ފެށުމަށްފަހު އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްކޮށްލީ މަޝްރޫއުތައް ނުނިންމާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފެނަކައިން އިން-ހައުސް މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި މީގެތެރެއިން 14 މަޝްރޫއެއް ފިޔަވައި އެހެން ހުރިހާ މަޝްރޫއުތައް ވަނީ ބަޖެޓް ހުސްވިއިރު ވެސް ނުނިމި ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަތައް އޭސީސީން ދަނީ ތަހުގީގު ކުރަމުން،" ޝާމިލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ އެ މައްސަލަތަކުގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ޝައްކު ކުރެވޭ ބައެއް މީހުން އެބަތިބި ކަމަށާއި އެމީހުންގެ ބޭންކް ޓްރާންސެކްޝަންތަކެއް ހޯދާ ދިރާސާ ކުރުމުގެ މަސައްކަތް ވެސް އޭސީސީން ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝައްކު ކުރެވޭ މީހުންނަށް ކުރެވެނީ ފަސް ކުށެއްގެ ތުހުމަތެވެ. އެއީ މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި، މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުމައި، ހިޔާނާތާއި، ރިޝްވަތާއި، ނުހައްގު މުއްސަނދިކަން ހޯދުމުގެ ތުހުމަތެވެ.

ޝާމިލް ވިދާޅުވީ މިހާރު އޭސީސީ އިން ކުރަމުންދާ ދިރާސާތައް ނިމުމުން ފެނަކައިގެ ހިޔާނާތުގެ ތެރެއިން ނުހައްގުން ލިބިގަނެފައިވާ މުއްސަނދިކަމާއި އެމީހުން އެ މުއްސަނދިކަން ހޯދި ގޮތް އެނގިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފެނަކަ އިން އަމިއްލައަށް ފެށި މަޝްރޫއުތަކުގެ ތެރެއިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ވަކި ދުވަސްވަރެއްގައި ވަޒީފާ ދީގެން މަޝްރޫއުތަކެއް ހިންގާފައިވާ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝާމިލް އިތުރަށް ވިދާޅުވީ އިން-ހައުސްކޮށް ފެށި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މުވައްޒަފުން ނެގުމުގެ ސަބަބުން 23 މިލިއަން ރުފިޔާ އިތުރަށް އެ ކުންފުނިން ހަރަދުކުރަން ޖެހުނު ކަމަށެވެ.

"އަގު ބޮޑުވާ ސަބަބަކީ މުވައްޒަފުންގެ މުސާރަ،" ޝާމިލް ވިދާޅުވި އެވެ.