ޑރ. މުހައްމަދު މުއިއްޒު

ޓީޗަރުން އިތުރުކޮށް އުފަން ބިން ދެކެ ލޯބިވާ ދަރިވަރުން އުފައްދާނަން: މުއިއްޒު

ސްކޫލު ތަކުން ނިކުންނަ ކުދިންނަކީ ގައުމަށް ބޭނުންވާ ގާބިލް ބަޔަކަށް ހެދުމަށާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކެއް ހުރި ކުދިންނަށް ހެދުމަށްޓަކައި ތައުލީމީ މަންހަޖަށް ބަދަލު ގެންނަވާނެ ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އިންތިހާބީ ރައީސް ވިދާޅުވީ މުދައްރިސުންނަކީ ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއް ކަމަށެވެ. އަދި ޓީޗަރުންނަކީ ގައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެއް އަދި ކަތިކަން ނައްތައިލާ ރަހަފަތިތަކެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ ކާމިޔާބީގެ އައްސޭރިއަށް ގައުމަކަށް ވާސިލްވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ ހަރުދަނާ އަހްލާގު، ތަނަވަސް އިލްމު އަދި ކުޅަދާނަ ހުނަރުވެރިކަމެވެ.

"މި ފުރުސަތުގައި އަޅުގަނޑު ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވާލަން ބޭނުންވާ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިއާރުން ވެސް އިޝާރާތްކުރާ އެއް މައްސަލަ އެވެ. މުދައްރިސުންގެ އަދަދު މަދުކަމެވެ. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލަ އެކެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ދެ މައްސަލައަށްވެސް އެމަނިކުފާނު އުފައްދާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އެކާވީސް ވަނަ ގަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރު ކަމާއި، ގާބިލުކަމާއި އުޅުންތެރިކަން އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތައް އަށަގަންނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ. ކަމާގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނަމެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާންހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށެވެ. އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރިކުރާނެ ކަމުގެ ޔަގީންކަން ދެއްވެވި އެެވެ.

"ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުނގަންނާ ދެއްވާ މުދައްރިސުންނަށް، އަރިސްކުރަމެވެ. ތައުލީމީ ހުރިހައި މަރުހަލާއެއްގައި މި އަގުހުރި ހިދުމަތް އަދާކުރައްވާ އެންމެހައި ބޭފުޅުން ޝާމިލުވާ ގޮތުގައެވެ." އިންތިހާބީ ރައީސް ވިދާޅުވެފައިވެ އެވެ.